ޚަބަރު

މާލޭގައި "ކަނބަލުންގެ މާރުކޭޓް"ތަކެއް ތަރައްޤީކުރަނީ


އަންހެނުންކުރާ ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން މާލޭގައި "ކަނބަލުންގެ މާރުކޭޓު"ތައް ތަރައްޤީކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ. މި މާރުކޭޓުތަކުގެ މަސައްކަތް ރޯދައިގެ ކުރިން ފަށާނެކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

"ކަނބަލުންގެ މާރުކޭޓު"އަކީ އަންހެނުން ޢާމްދަނީ ހޯދުމަށް ގޭގައި ކުރާ އެކިއެކި މަސައްކަތްތައް މާކެޓްކޮށް ތަކެތި ވިއްކޭނެ ގޮތް ފަހިކޮށްދިނުމަށް ސިޓީ ކައުންސިލުން ތަރައްޤީކުރުމަށް ނިންމާފައިވާ މާރުކޭޓެކެވެ. މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއީ އަންހެނުން ބާރުވެރިކޮށް، އިތުރު ޢާމްދަނީ ހޯދުމަށް މަގުފަހިކޮށްދިނުމަށް ކުރާ މަސައްކަތެއްކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ މާލޭގެ ކޮންމެ އަވަށެއްގައި ކަނބަލުންގެ މާރުކޭޓް ތަރައްޤީކުރުމަށެވެ. މި މާރުކޭޓުތައް ރޯދައިގެން ކުރިން ނިންމުމަށް މަސައްކަތް ކުރައްވަމުންދާކަމަށް މޭޔަރު ވިދާޅުވިއެވެ. މި މާރުކޭޓުތައް ހިންގާ، ބެލެއްޓުމުގެ ހުރިހާ މަސައްކަތްތައްވެސް ކުރާނީ އަންހެނުންނެވެ. މުޢިއްޒު ވިދާޅުވީ މާރުކޭޓުތަކުގެ ޚިދުމަތް ފެށުމުގެ ކުރިން، މި މަސައްކަތުގައި ޝާމިލްވާނެ އަންހެނުންގެ ގްރޫޕެއް ނެގުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ކުރާނެކަމަށެވެ.

މި މަސައްކަތަކީ ދިވެހި އަންހެނުންނަށް ޚާއްސަކޮށްގެން ކުރާ މަސައްކަތަކަށްވާތީ، މާރުކޭޓު ހިންގާ ބެލެހެއްޓުމުގެ އެއްވެސް ކަމެއްގައި ބިދޭސީންނަށް ބައިވެރިއެއް ނުވެވޭނެއެވެ. މި މާރުކޭޓުތައް ހުޅުމާލެ ފިޔަވައި، މާލެއާއި ވިލިމާލޭގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިއީ އަންހެނުނަށް ޚާއްސަކޮށްގެން މިފަދ މާރުކޭޓުތަކެއް ހުޅުވާ ފުރަތަމަ ފަހަރެވެ.

"މީގެ އެންމެ ބޮޑު ބޭނުމަކީ އިތުރު އާމްދަނީ ، ދިރިއުޅުމަށް އޭގެ ހެޔޮ އަސަރުކުރުން. އުފެއްދުންތައް މާކެޓަށް ނެރެވުމުން މިކަން ވާނީ." މުޢިއްޒު ވިދާޅުވިއެވެ.

ކޯވިޑްގެ ޙާލަތާ ގުޅިގެން ކުދި ވިޔަފާރިތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޚާއްސަކޮށް ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ އެކި ވިޔަފާރިތަކަށް އަންހެނުން ވަނީ ވަދެފައެވެ. ތަރުކާރީއާއި މޭވާ ހެއްދުމާއި، ބަގީޗާ ގަހުގެ ވިޔަފާރިއާއި، ލުއި ކާނާގެ ވިޔަފާރިއާއި ފެހުމާއި އަތްރެރި މަސައްކަތްތައްފަދަ ވިޔަފާރިތައް ހިމެނެއެވެ.

އެމީހުންގެ އުފެއްދުންތައް ފަސޭހައިން ވިއްކޭނެ ގޮތް މަގުފަހިވުމަކީ ގިނަ ބަޔަކު އެދެމުން އަންނަ ކަމެކެވެ.