މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕަރސަންގެ އިންތިޚާބު އޭޕްރީލް މަހު އަދި އެޕާޓީގެ ކޮންގްރެސް އޯގަސްޓްމަހު ބާއްވަން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފިއެވެ.
ފަސް އަހަރު ދުވަހަށް އިންތިޚާބުކޮށްފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުގެ މުއްދަތު ހަމަވީ މިއަދުއެވެ. އެހެންކަމުން ޗެއަރޕާސަންގެ އިންތިޚާބާއި އެހެނިހެން ބައެއް މުހިންމު އިންތިޚާބުތައް ބާއްވާނެ ތާރީޚް ކަނޑައެޅުމަށް މިރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވަނީ މުހިންމު ގިނަ އިންތިޚާބުތަކެއް ބާއްވާނެ ތާރީޚް ކަނޑައަޅާފައެވެ.
އެގޮތުން ޗެއަރޕާސަންގެ އިންތިޚާބާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 16ގައި ބޭއްވުމަށް ފާސްކުރިއެވެ. އަދި އިންތިޚާބަށް ހުޅުވާލަން ނިންމީ މިމަހުގެ 15ގައެވެ.
މީގެ އިތުރުން އެޕާޓީގެ ކޮންގްރެސް އޯގަސްޓް މަހުގެ 4ގައި ބޭއްވުމަށްވެސް ވަނީ ފާސްކޮށްފައެވެ. ކޮންގްރެސްގައި އޮންނާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާ މެދު ގޮތެއް ނިންމުމެވެ. އެގޮތުން ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި، ޖޭއެސްސީއަށް އިސްލާހު ގެނައުމާއި، ލާމަރުކަޒީ ޤާނޫނުގެ ބާބަށް އިސްލާހު ގެނައުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްވެސް މި ކޮންގްރެސްގައި މަޝްވަރާ ކުރާނެއެވެ.
އެމްޑީޕީ ޤައުމީ މަޖިލީހުން ވަނީ އެޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަކު އިންތިޚާބުކުރުން މިމަހުގެ 18ގައި ބާއްވަން ފާސްކޮށްފައެވެ. އަދި އެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި ތާރީޚުތައް ހިމެނޭ ޤަރާރު ހުށަހެޅުއްވީ، އެމްޑީޕީ މާލެ ދާއިރާގެ ރައީސް ސިފާ މުހައްމަދުއެވެ. މިޤަރާރަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ ރައީސް އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލްއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ހިންގާ ގަވާއިދުގައި ވަނީ، އެ ގްރޫޕުގެ އެންމެ އިސް ފަރާތަކީ އިންތިޚާބު ކުރާ އެ ގުރޫޕްގެ ލީޑަރު ކަމުގައެވެ. އެގޮތުން މިހާތަނަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުންނެވީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމްއެވެ. އޭނާގެ ދައުރު ހަމަވެފައިވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހުއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މި ޖަލްސާގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އެންމެ ބޮޑު އަމާޒަކަށް ވާންޖެހޭނީ 2023ވަނަ އަހަރު އިންތިޚާބު ކާމިޔާބު ކުރުންކަމަށެވެ. މިޖަލްސާގައި ރައީސް ނަޝީދުވަނީ ޤާނޫން އަސާސީއަށް ގެންނަން އެމަނިކުފާނު ބޭނުންފުޅުވާ ބަދަލުތައްވެސް ހުށަހަޅާފައެވެ.
ރާއްޖޭގެ ޤާނޫނު އަސާސީ މިހާރު އޮތް ގޮތުން ރިޔާސީ އިންތިޚާބުގެ %51 ހޯދައިގެން މެނުވީ އިންތިޚާބެއް ނުވާނެއެވެ. މިހާތަނަށް ވަނީ ދެ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރެއް ބާއްވާފައެވެ. ޤާނޫނު އަސާސީއަށް ބަދަލު ގެންނަވަން ރައީސް ނަޝީދު ހުށައެޅުއްވިއިރު އެމަނިކުފާނު ގެންދަވަނީ ބަރުލަމާނީ ނިޒާމެއް ޤާއިމްކުރުމަށް ތަކުރާރުކޮށް ވަކާލާތުކުރައްވަމުންނެވެ.