ޚަބަރު

ރާއްޖެއިން އިތުރު 1406 މީހުން ކޯވިޑަށް ޕޮޒިޓިވް


ރާއްޖެއިން އިތުރު 1،406 މީހުން ކޯވިޑަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ އަދަދު 155،900 އަށްވުރެ މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 1،406 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތެރެއިންނެވެ. އެގޮތުން 891 މީހުންވަނީ އަތޮޅުތެރެއިން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ 307 މީހުންނެވެ. މީގެ އިތުރުން ރިސޯޓުތަކުން 69 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 155،917 އަށް އަރާފައެވެ.

އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރު ވަނީ އިތުރުވެފައެވެ. މިވަގުތު 16،208 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 58 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

މިދިޔަ 24 ގަޑިއިރު 1292 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 139،409 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،781 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 287 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައި މިވަނީ ކޯވިޑްގެ އާ ވޭރިއަންޓާއެކުއެވެ. މިހާރުގެ ޕީކްގައި އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން ބޭރުތެރޭގައި އުޅުމުގައި ގައިދުރުކަން އިސްކުރުމަށާއި މާސްކަށް ރައްކާތެރުވުމަކީ މުހިއްމުކަމެކެވެ.