ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ ޢަދަދު ފާއިތުވި ފަސް ހަފުތާގެ ތެރޭގައި %70 އިތުރުވެއްޖެއެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް ދެ މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހެއެވެ. އެއާއެކު ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދުވަނީ 400 މިލިޔަނަށްވުރެ އިތުރުވެފައެވެ. އެ ގޮތުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބަލިޖެހުނު މީހުންގެ ޢަދަދު 300 މިލިޔަނުން 400 މިލިޔަނަށް އިތުރުވެފައިވަނީ އެއް މަސްދުވަހުގެ ތެރޭގައެވެ. އަދި ބަލިޖެހުނު މީހުންގެ ޢަދަދު 200 މިލިޔަނުން 300 މިލިޔަނަށް އިތުރުވާން ނަގާފައިވަނީ ފަސްމަސްދުވަހެވެ.
ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުތައް އިތުރުވެފައިވަނީ ބަލީގެ ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެން ފެށުމުންނެވެ. ފާއިތުވި ހަފުތާތަކުގައި އެންމެ ގިނަ ޢަދަދެއްގެ ބަޔަކަށް ކޯވިޑް-19 ޖެހިފައިވަނީ އެމެރިކާއިންނާއި ފަރަންސޭސިވިލާތުންނާއި ޖަރުމަންވިލާތުންނާއި ރަޝިޔާއިންނާއި ބުރެޒިލުންނެވެ.
ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމުލަ ޢަދަދުވަނީ 6 މިލިޔަނަށްވުރެ އިތުރުވެފައެވެ.