ޚަބަރު

ދޫނިތައް މަރާލި މައްސަލައިގެ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތްދަނީ ކުރަމުން: ފިޝަރީޒް


ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރި ދޫނިތަކެއް ނައްތާލި މައްސަލައިގެ ތަފްސީލް ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހާމަކުރައްވައިފިއެވެ. އެމިނިސްޓްރީން ރިޕޯޓް އެކުލަވާލަމުން ގެންދަނީ ރައީސުލްޖުމްހޫރިއްޔާ މިފަދަ ރިޕޯޓެއް އެކުލަވާލުމަށް އެމިނިސްޓްރީއަށް އެންގެވުމާ ގުޅިގެންނެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މިރިޕޯޓް އެކުލަވާލާނީ ލިބެންހުރި ލިޔެކިޔުމާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަން ހިނގިގޮތުގެ ޙަޤީޤަތް ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވާގޮތަށްކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައިވަނީ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރި ދޫނިތަކެއް ނައްތާލި މައްސަލައިގެ ރައްއްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުންތައް ބަލައިގަނެ އެކަމާ ހިތާމަފާޅުކުރާކަން ހާމަކޮށްފައެވެ.

ދިވެހިރާއްޖެއަށް އެތެރެކުރާ ދިރޭ ޖަނަވާރާއި ގަސްގަހާގެހި އިންސްޕެކްޓްކޮށް ކަރަންޓީންކުރުމަކީ ދިވެހިރާއްޖެޖޭގެ ޤާނޫނީ އިޖުރާޢަތްތަކާއި ބައިނަލްއަޤުވާމީ މުއާހަދާއާ އެއްގޮތަށް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފޯރުކޮށްދިނުން ލާޒިމް ކުރާ އަސާސީ ޚިދުމަތެކެވެ. އެހެންކަމުން މިގޮތުން ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި ނައްތާލަންޖެހޭ ހާލަތްތަކުގައި ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް މީގެ ކުރިންވެސް ނައްތާލާފައިވާކަން އެމިނިސްޓްރީންގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

ދިރޭ ތަކެއްޗަށް ލިބިދޭންޖެހޭ ރައްކާތެރިކަމާ ހިމާޔަތް ފޯރުކޮށްދީ ރައްޔިތުންގެ އާންމު ސިއްޙަތު ރައްކާތެރިކުރެވޭކަން ކަށަވަރުކުރުމާއެކު ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޚިދުމަތް ދިވެހިރާއްޖޭގައި އިތުރަަށްފުޅާކޮށް ހަރުދަނާކުރުމަށްޓަކައި ޤާނޫނާއި ޤަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އެވުޒާރާއިން ނެރުނު ބަޔާނުގައިވެއެވެ. އަދި މިކަންކުރާނީ ކަމާ ގުޅުންހުރި ހުރިހާ ދާއިރާތަކުގެ ޚިޔާލާ މަޝްވަރާގެ މަތިންކަމަށްވެސްވަނި ބަޔާންކޮށްފައެވެ.

މިފަދަ ކަންކަން މުސްތަގުބަލުގައި ތަކުރާރު ވިޔަނުދިނުމަށް މިނިސްޓްރީންވަނީ އެދިފައެވެ. އަދި މިކަންކަން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ދިވެހި ރާއްޖެއަށް ދޫންޏާއި ދިރޭތަކެތި އެތެރެކުރުމަށް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާތްއަތްތަކާ އެއްގޮތަށް އަމަލުކުރުން ކަމަށާއި މިކަމަށް ސަމާލުވުމަށް ދޫންޏާ އެނޫންވެސް ދިރޭތަކެތި ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުގެ ކިބައިން އެވުޒާރާއިންވަނީ އެދިފައެވެ.