ޚަބަރު

އާރަށުގެ މައްސަލައިގެ ދެ ދަޢުވާއަށް ރައީސް ޔާމީން އިންކާރުކުރައްވައިފި


ވ.އަތޮޅު އާރަށް ކުއްޔައްދިނުމުގެ މުޢާމަލާތާ ގުޅޭ ފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާއަށް ރައީސް ޔާމީން އިންކާރު ކުރައްވައިފިއެވެ.

އާރަށުގެ މައްސަލާގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށްކުރީ މަނީ ލޯންޑަރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން، މިމައްސަލާގައި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

ދައުލަތުން އުފުލި ދަޢުވާގައިވަނީ ޓުއަރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓް ހެދުމަށް ވ.އާރަށް ކުއްޔަށް ނެގުމުގެ މުޢާމަލާތުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސްޔަތުން، ރައީސް ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ މިފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމަވި ހިސާބުން ފެށިގެން މިއީ ކުށުގެ ޢަމަލެއްކަމަށް ވާކަމުގައެވެ. އަދި ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ހިންގަން ޖެހޭ މުއާމަލާތެއް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ކޮށްފައި އޮތުމަކީ މަގާމުގެ ނުފޫޒު ބޭނުން ކުރުން ކަމަށް ވަނީ ބުނެފައެވެ.

ދައުވާއަށް ޖަވާބުދާރީވަމުން، ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޢަބްދުﷲ ޝިޔާޒް ވިދާޅުވީ ދައުވާގެ ސީޣާއިން ދައުވާ އުފުލާފައިވާ އަމަލަކީ ކޮބައިކަމާއި، އަމަލު ހިންގި ތަނާއި، ވަގުތާއި، އަމަލު ހިންގި ގޮތް ސާފުނުވާކަމަށެވެ. އަދި މިކަމުގައި ރައީސް ޔާމީން ނުފޫޒު ފޯރިވިނަމަ، ނުފޫޒު ފޯރުވި ގޮތާއި، ސަބަބުވެސް އޮޅުން ފިލުވުމަށް ވަނީ އެދިފައެވެ.

ދެފަރާތުގެ ވާހަތަކަށްފަހު މިމައްސަލާގައި ދައުލަތުންވަނީ ދައުވާ ސާފުވުމާއިމެދު ޤާޞީ ގޮތެއް ނިންމަވައި ދެއްވުމަށެވެ. މިމައްސަލަ ބައްލަވާ ޤާޞީ ވަނީ ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ދައުވާ ސާފު ކޮށްދޭން ކުރަން ޖެހޭ ކަންކަން ދައުލަތުން ކޮށްފައިވާކަމަށް ކަނޑައަޅާފައެވެ.

ޤާޞީގެ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، ދައުލަތުން ދެއްކެވި ވާހަކަތަކާއި، ދެ ދައުވާއަށްވެސް އިންކާރު ކުރައްވާކަމަށް ވިދާޅުވެފައެވެ. މިމައްސަލާގައި ދައުވާ އުފުލާފައިވާ ޔޫސުފް ނައީމުވެސް ވަނީ ދައުވާ ސާފު ނުވާކަމަށް ވިދާޅުވެފައެވެ. ޤާޞީ ވަނީ ދެން ބާއްވާ އަޑުއެހުމެއްގައި ދައުވާ ސާފު ކުރުމުގެ ބައި ކުރިއަށް ގެންދާނެކަމަށް ވިދާޅުވެ މިއަދުގެ އަޑުއެހުން ނިންމާލާފައެވެ.

އާރަށުގެ މައްސަލައިގެ އިތުރުން ރ.ފުއްގިރި ކުއްޔަށްދޫކުށްގެން ލިބުނު 1.3 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވި މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ.