ކުޅިވަރު

ފީފާ ކްލަބް ވާރލްޑް ކަޕުން ޗެލްސީ ޖާގަހޯދައިފި


ފީފާ ކްލަބް ވާރލްޑް ކަޕްގެ ފައިނަލުން ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން ޗެލްސީ ޖާގަހޯދީ ރޭ ކުޅުނު ސެމީފައިނަލްގައި އޭޝިއާގެ ޗެމްޕިއަން އަލް ހިލާލާއި ބައްދަލުކުރިމެޗް އެއްލަނޑު ސުންލަނޑުން ކާމިޔާބުކޮށްގެންނެވެ.

މިއީ ޗެލްސީ މިމުބާރާތުގައި ވާދަ ކުރާ ދެވަނަ ފަހަރެވެ. ޔޫރަޕްގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން މީގެ ދިހަ އަހަރު ކުރިން މިމުބާރާތުގައި ވާދަކުރި ޗެލްސީ އެފަހަރުވަނީ ފައިނަލްގައި ބަލިވެފައެވެ. ރޭގެ މެޗްގައި ޗެލްސީގެ ހަމައެކަނި ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ޖަހައިދިނީ ހުނަރުވެރި ފޯވަޑް ރޮމެލޫ ލުކާކޫއެވެ. މިއީ މިސީޒަންގައި އޭނާ ކާމިޔާބުކުރި 9 ވަނަ ލަނޑެވެ. މިމެޗްގެ ދެވަނަ ހާފްގައި ޗެލްސީގެ ކައި ހަވާޓްޒްއަށް ވެސް އެޓީމްގެ ލީޑު ފުޅާ ކުރާނެ ރަގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މެޗްގެ ފަހު ވަގުތު ކޮޅު އަލް ހިލާލްގެ ނުރައްކަލާ ޗެލްސީއަށް ކުރިމަތިލާން ޖެހުނެވެ. މިގޮތުން އެޓީމުން ވަނީ މެޗް ނިމެން ގާތްވެފައިވަނިކޮށް ނުރައްކާތެރި ދެތިން ހަމަލާ އުފައްދާފައެވެ.

މިކާމިޔާބީއާއެކު މިއަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލަށް ޗެލްސީ ދަތުރު ކޮށްފައިވާއިރު ފައިނަލްގައި އެޓީމް ބައްދަލުކުރާނީ ދެކުނު އެމެރިކާގެ ޗެމްޕިއަން ޓީމް ކަމަށްވާ ބްރެޒިލްގެ ޕަލްމެއިރާސްއާއެވެ.