ޚަބަރު

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް މިނިސްޓަރ ފައްޔާޟް ވާދަކުރައްވަނީ


ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އިކޮނޮމިކް މިނިސްޓަރ މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވާދަކުރައްވަން ނިންމަވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމު މިހާރު ފުރުއްވަމުންދާ ހަސަން ލަތީފްގެ ދައުރު މިއަދަށް ހަމަވާނެއެވެ. އެމްޑީޕީންވަނީ އެޕާޓީގެ އިސް މަޤާމުތަކަށް ބޭފުޅުން ކަނޑައެޅުމަށްޓަކައި އިންތިޚާބުތައް ބާއްވާނެ ތަރީހުތައް ކަނޑައެޅުމަށް މިރޭ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމަވާފައެވެ.

މިނިސްޓަރ ފައްޔާޟް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަމަށް ވަނީ އެމްޑީޕީގެ އިސްބޭފުޅުން ހިމެނޭ ވަޓްސްއަޕް ގްރޫޕެއްގައި އިޢުލާންވެސް ކުރައްވާފައެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް މިހާތަނަށް އިޢުލާންކުރައްވާނެކަމަށް ހާމަކުރައްވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.

އެމްޑީޕީގެ އަސާސީ ޤަވާޢިދުގައި ބުނެފައިވަނީ، އިންތިޚާބު ބޭއްވުމުގެ 60 ދުވަސް ކުރިން އެއިންތިޚާބަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭންވާނެކަމަށެވެ.

މިރޭ ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ އިންތިޚާބު ޗެއާޕާސަންގެ އިންތިޚާބާއި، ރިޔާސީ ޕްރައިމަރީގެ އިންތިޚާބާއި، އަންހެނުންގެ ރޫޙުގެ އިންތިޚާބުގެ އިތުރުން ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ބޭއްވާނެ ތަރީހެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.