ދުނިޔޭގެ ވިޔަފާރި

އޭޝިއާގެ އެންމެ މުއްސަނދި މީހާގެ ރޭހުގައި އަމްބާނީއާއި އަދާނީ!


އޭޝިއާގެ އެންމެ މުއްސަނދި މިހާގެ މަޤާމަށް މުކޭޝް އަމްބާނީއާއި ގޯތަމް އަދާނީގެ ވާދަވެރިކަން އިތުރުވެއްޖެއެއެވެ.

ކޯވިޑާއެކު އިންޑިއާގެ ބިލިއަނަރުންގެ މިލްކިއްޔާތު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެގޮތުން މިދިޔަ ޖެނުއަރީމަހު އޮކްސްފެމް އިންޑިއާއިން ނެރުނު ދިރާސާ ރިޕޯޓެއްގައި ބުނީ، ކޯވިޑްގެ ތެރޭގައި އިންޑިއާގެ އެންމެ މުއްސަނދި ބިލިއަނަރުންގެ މިލްކީއްޔާތު އެއްކޮށް 39 އިންސައްތަ އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

އަދާނީ ގްރޫޕުގެ ވެރިޔާ ގޯތަމް އަދާނީ އަކީ މި ބަލިމަޑުކަމުގެ ތެރެއިން ވިޔަފާރީގެ ބޮޑު ކާމިޔާބީއެއް ހޯދި ފަރާތެކެވެ. އަދާނީގެ މިލްކިއްޔާތު އިތުރުވެގެން ދިޔަ ސަބަބެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރަނީ، ހަކަތައިގެ ދާއިރާގައި އޭނާއަށް އޮތް އިތުބާރު އަދި ހާއްސަކޮށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ހިންގާ ޕްރޮޖްކްޓުތަކުގައި އޭނާއަށް އޮތް އިތުބާރު ބޮޑުވުމުންނެވެ. މީގެ ސަބަބުން މިދިޔަ ދެ އަހަރު ތެރޭ އޭނާގެ މިލްކިއްޔާތު ވަރަށް ބޮޑަށް އިތުރުވެ، އަމްބާނީއާއެކު އޭނާވެސް ވަނީ ދުނިޔޭގެ އެންމެ މުއްސަނދި 10 މީހުންގެ ލިސްޓަށް އަރާފައެވެ.

ގޯތަމް އަދާނީގެ މިލްކީއްޔާތަށް ބަލާއިރު، 2020 ވަނަ އަހަރު އެޕްރީލް މަހު އޭނާގެ މިލްކީއްޔާތުގައި ހުރީ، 8.9 ބިލިއަން ޑޮލަރެވެ. ނަމަވެސް އެއް އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ 40 ބިލިއަން ޑޮލަރު އިތުރުކޮށްފައެވެ. އޭނާ މިލްކީއްޔާތު މިހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް ހުރީ، ގާތްގަނޑަކަށް 90 ބިލިއަން ޑޮލަރުގައި ކަމަށް ބްލޫމްބާގް އިން ބުނެއެވެ.

އިންޑިއާގެ މަޝްހޫރު ރިލައެންސް ކުންފުނީގެ ވެރިޔާ މުކޭޝް އަމްބާނީވެސް ބަލިމަޑު މކަމުގެ ތެރެއިން ކުރިއެރުން ހޯދިއިރު، އޭނާގެ މިލްކިއްޔާތުގައި 2020 ވަނަ އަހަރު އެޕްރީލް މަހުގައި ތެރޭގައި ހުރީ ގާތްގަނޑަކަށް 36.8 ބިލިއަން ޑޮލަރެވެ. ނަމަވެސް 2021 ވަނަ އަހަރުގެ އެ މުއްދަތުގައި ވަނީ 84 ބިލިއަން ޑޮލަރަށް މިލްކިއްޔާތު އިތުރުވެގެން ގޮސްފައެވެ. އަމްބާނީގެ ރިލައެންސް އިންޑަސްޓްރީސްއިން ހަކަތަ، ޓެކްސްޓައިލް މީޑިއާ، އަދި މުވާސަލާތީ ޙިދުމަތުގެ ދާއިރާގައި ވިޔަފާރި ކުރެއެވެ.

ކޯވިޑުގެ ތެރޭގައި މި ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުން ލިބިގެން ދިޔައިރު، އިންޑިއާގެ ހިއްސާގެ ބާޒާރުގައި ހިއްސާގެ އަގުވެސް ވަނީ އުފުލިގެން ގޮސްފައެވެ. އެގޮތުން ހިއްސާގެ ބާޒާރަށް ލިބުނު ކުރިއެރުމާއެކު ބުދަ ދުވަހުގެ ނިޔަލަށް އަމްބާނީގެ މިލްކިއްޔާތުގެ 90 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ކަމަށް ބްލޫމްބާގްއިން ރިޕޯޓު ކުރެއެވެ.

މިއާއިއެކު އިންޑިއާއަށް ނިސްބަތްވާ މުކޭޝް އާއި އަދަބީ ދަނީ އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަޤާމަށް ވަރަށް ކައިރިން ވާދަ ކުރަމުންނެވެ. އަދި މި ދެ ފަރާތްވެސް މި ހަފްތާގެ ތެރޭގައި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުން ދިހަ ވަނައަށް ކުރިއަށް ޖެހިލިއެވެ. އަދި ފޭސްބުކް ހިންގާ މެޓާ ކުންފުނީގެ ހިއްސާގެ އަގު ދާދި ފަހުން ވެއްޓުމާއެކު އަމްބާނީ އަދި ގޯތަމް ވަނީ މަޝްހޫރު ބިލިއަނަރު މާކް ޒަކަބާގްވެސް ފަހަތަށް ޖައްސާފައެވެ.

ބްލޫމްބާގްގެ ބިލިއަނަރ އިންޑެކްސްއަކީ ސްޓޮކް މާކެޓަށް ބަރޯސާވާ ލިސްޓެއްކަމުން ދުވަހުން ދުވަހަށް އަންނަ ލިސްޓަށް ބަދަލު އާދެއެވެ. މި ލިސްޓުގެ އެންމެ ކުރީގައި އަދިވެސް އޮތީ އެމެރިކާގެ ޓެސްލާ ކުންފުނީގެ ވެރިޔާ އީލޮން މަސްކްއެވެ.