ޚަބަރު

އޫބާގެ ވިޔަފާރި ކުރިއަށްޖެހިލައި، ފައިދާ ހޯދަން ފަށައިފި


އޫބާ ކުންފުނީގެ ވިޔަފާރި ޕެންޑެމިކްގެ ކުރިން ހުރި ހިސާބަށް ކުރިއަށް ޖައްސާލައި، ޖެހިޖެހިގެން ދެ ކުއާޓަރުގައި ފައިދާ ހޯދައިފިއެވެ.

ދުނިޔޭގެ ހަތްދިހައަށްވުރެ ގިނަ ޤައުމުގައި މީހުންނާއި މުދާ އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ޚިދުމަތް ދެމުން އަންނަ މަޝްހޫރު ކުންފުނި އޫބާއަށް ޕެންޑްމިކްގެ ސަބަބުން ބޮޑު ގެއްލުމެއް ލިބުނެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ފަހު ދެ ކުއާޓަރުގައި އެ ކުންފުނިން ވަނީ ފައިދާ ހޯދާފައެވެ. އެގޮތުން 4 ވަނަ ކުއާޓަރުގައި އޫބާއަށް 5.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށް މާލީ ރިޕޯޓުތަކުން ދައްކައެވެ.

އޫބާގެ ޑެލިވަރީ ޚިދުމަތް މައިގަނޑުގޮތެއްގައި ބިނާވެފައި އޮންނަ ރެސްޓޯރަންޓް ވިޔަފާރިން، ޕެންޑަމިކަށްފަހު ފުރަތަމަ ފަހަރަށް ފައިދާ ނެރެވިފައިވަނީވެސް މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައެވެ. އެގޮތުން ވާދަވެރި މާޙައުލެއްގައި މި ވިޔަފާރި ފުޅާކޮށް، ޑެލިވަރީ ޚިދުމަތުން ފައިދާގެ ގޮތުގައި 25 މިލިއަން ޑޮލަރު އެ ކުންފުނިން ހޯދާފައިވެއެވެ. 4 ވަނަ ކުއާޓަރުގައި ކުންފުނީގެ އޮޕަރޭޝަންތަކުން އިތުރުވާ ކޭޝްފްލޯ 62 މިލިއަން ޑޮލަރުގައި ހުންނާނެކަމަށް އެނަލިސްޓުން ލަފާކުރިއިރު އިތުރުވި ކޭޝްފޮލޯ 86 މިލިއަން ޑޮލަރަށް އަރައެވެ. އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރުގައި ކޭޝްފޮލޯ ހުރީ 454 މިލިއަން ޑޮލަރުގެ ގެއްލުމެއްގައެވެ. އެހެންކަމުން މިއީ އޫބާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އޫބާގެ މިއަހަރުގެ ވިޔަފާރިއަށް ބަލާއިރު ހިނގަމުންދާ ކުއާޓަރުގެ ފައިދާ ދަށްވާނެކަމަށް ކުރިން އަންދާޒާކޮށްފައިވީ ނަމަވެސް، ފެބްރުއަރީ ފެށުމާއެކު ވިޔަފާރި ކުރިއަރަން ފަށާފައިވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އެގޮތުން މި ހިނގާ ކުއާޓަރުގައި ވިޔަފާރިއަށް އައިސްފައިވާ ކުރިއެރުން ހާމަކުރައްވަމުން އޫބާގެ ސީއީއޯ ޑާރާ ޚޮސްރޮޝާހީ ވިދާޅުވެފައިވަނީ ޖަނަވަރީއާ އަޅާބަލާއިރު ފެބްރުއަރީގައި ދަތުރުތަކުގެ ބުކިން 25 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

އުބާއިން ހާމަކޮށްފައިވާ ގޮތުން ޓެކްސީ ޚިދުމަތަށް އެންމެ ބޮޑު ޑިމާންޑެއް ލިބެނީ އެއަރޕޯޓު ދަތުރުތަކަށެވެ. އެގޮތުން ފާއިތުވި އަހަރު އެއަރޕޯޓު ދަތުރުތަކަށް އޮންނަ ޑިމާންޑު 3 ގުނަ އިތުރުވެފައިވެއެވެ. މީގެ އިތުރުން ރެސްޓޯރަންޓް ވިޔަފާރީގެ ވާދަވެރި މާޙައުލުގައި ވިޔަފާރި ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު، "އޫބާ އީޓްސް" ޚިދުމަތުގެ ކަސްޓަމަރުން ދުވަހެއް ދުވަހަކަށް އިތުރުވެގެންދާކަން އޫބާއިން ފާހަގަކުރެއެވެ. ރެސްޓޯރަންޓް ޑެލިވަރީ ޚިދުމަތް ރަނގަޅުކުރުމަށްޓަކައި އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މާކެޓިންގ ޚަރަދު 36 އިންސައްތަ އިތުރުކޮށް، އެމެރިކާގައި ގިނަ ކެމްޕެއިންތަކެއް ހިންގާފައެވެ.

ރިޕޯޓުތައް ބުނާގޮތުން އޫބާއިން މި ހަފްތާގައި އެ ކުންފުނީގެ ފުރަތަމަ "އިންވެސްޓަރ ޑޭ" ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ. މި އިވެންޓުގެ ތެރެއިން ކުންފުނީގެ މާލީ ޙާލަތާބެހޭ އިތުރު މަޢުލޫމާތު ޢާއްމުކޮށް، ވިޔަފާރި އިތުރަށް ފުޅާކުރުމަށް ކުރެވިފައިވާ ޕްލޭންތައް ޙިއްސާކުރުމަށް ހަމަޖެހިފައިވެއެވެ.