ޚަބަރު

ސަރުކާރުގެ ހުއްދަނެތި ސިޓީ ކައުންސިލަށް، ޕާކިން ސްލޮޓްތައް ނުވިއްކޭނެ: ޓްރާންސްޕޯޓް މިނިސްޓްރީ


ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަޔާ ނުލައި މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އަމާޒުކޮށްގެން ދިގު މުއްދަތަށް މާލެއިން ވިއްކަން ނިންމާފައިވާ، ޕާކިން ސްލޮޓްތައް ނުވިއްކޭނެކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ އިތުރު 1000 ޕާކިންގ ސްލޮޓް ދޫކުރުމަށް ނިންމާފައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ މީގެތެރެއިން "ގަރާޖް ސްލޮޓް"ގެ ގޮތުގައި ދޫކުރާ ސްލޮޓްތަކަކީ އުމުރު ދުވަހަށް އެ ވެހިކަލެއް ބާއްވަން ޔަގީންކަމާއެކު ދެވޭނެ ސްލޮޓެއްކަމަށެވެ. މިއީ ބޮޑު އަގުގައި ގަރާޖު ސިޓީ ހޯދުމަށް ދައްކަންޖެހޭ ފައިސާގެ މައްސަލައަށްވެސް ޙައްލެއް ހޯދައިދިނުމަށް ކުރާ ކަމެކެވެ. އަދި ސަރުކާރުގެ ޕްލޭނާ އެއްގޮތަށް، ޕާކިންގް ބިލްޑިންގްތައް ތަރައްޤީކުރެވުމުން، ބިލްޑިންގްގެ ޕާކިން ޒޯނަށް އުޅަނދުތައް ބަދަލުކުރުމުގެ ފުރުޞަތު ލިބޭނެކަމަށެވެ.

އެއްޤަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ހަދާފައިވާ އެއްގަމު އުޅަނދު ޕާކް ކުރުމުގެ ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ޕާކިން ޒޯންތައް ކަނޑައަޅައި، ހިލޭ ޕާކު ކުރެވޭނެ ސަރަޙައްދުތަކާއި، ވަކި ވަގުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަޙައްދުތައް ކަނޑައެޅިދާނެކަމަށެވެ. ނަމަވެސް މަސްތަކާއި އަހަރުތަކަށް ދެމިގެންދާހެން ދިގު މުއްދަތަށް ޕާކިން ސްލޮޓް ކުއްޔަށް ދިނުމަކީ ޤާނޫނާއި ގަވާއިދު ހުއްދަކުރާކަމެއް ނޫންކަމަށެވެ.

ޤާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ފަދައިން ހިލޭ ޕާކިން ސަރަޙައްދުތަކާއި އަދި ފީ ނަގައިގެން ޕާކިން ސަރަޙައްދުތައް ކަނޑައެޅުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައިި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލަކާއި، ޕާކިން ސްލޮޓްތައް ޤާއިމްކުރާ ތަންތަނުގެ ލޭންޑެ ޔޫޒް ޕްލޭނެއް ތައްޔާރުކޮށް ހުށަހަޅާ މިނިސްޓްރީން ފާސްކުރުމަށްފަހު އެކަން ގަވާއިދުގެ ތެރެއިން މާލެ ސިޓީ ކައުންސިލަށް ކުރުމުގެ ޖާގަ އެބައޮތްކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވީ މިހާތަނަށް މާލެ ސިޓީ ކައުންސިލުން ލޭންޑް ޔޫޒް ޕްލޭން އަދި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލު ހުށަހަޅާފައެއް ނުވާކަމަށެވެ. އަދި، އެފަދަ ހުއްދަޔަކަށް މިހާތަނަށް އައިއިރު އެދިފައެއް ވެސް ނުވާކަމަށެވެ. އެހެންކަމުން ޓްރާސްޕޯޓްގެ ހުއްދަޔާ ނުލާ މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އަމާޒުކޮށްގެން ދިގު މުއްދަތަށް މާލެއިން ވިއްކުމަށް ނިންމާފައިވާ ޕާކިން ސްލޮޓްތައް ނުވިއްކޭނެކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.

މަގުމައްޗަކީ ހުރިހާ ރައްޔިތުން ވެސް ބޭނުންކުރާ ތަނަކަށްވީ ހިނދު މަގުން ބައެއް ވަކި މީހަކަށް ވިއްކުމުގެ އިޙްތިޔާރު ސިޓީ ކައުންސިލަކަށް ލިބިގެނެއް ނުވާކަމަށާއި، އަދި، މިއީ ހުރިހާ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާކަމަކަށް ވާތީ ވަކި ބަޔަކަށް ފައިދާވާގޮތައް ރައްޔިތުންގެ މެދުގައި ތަފާތު ކުރުމަށްސިޓީ ކައުންސިލުން މިކަމުގުގައި ޢަމަލުކުރުމުގެ ޖާގަ ސަރުކާރުން ނުދޭނެކަން ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ޕާކިން ޖާގަ ވިއްކަން ނިންމާފައިވާ ނިންމުމާއި ގުޅިގެން ކައުންސިލްތަކުގެ ބަލަދުވެރި ފަރާތް އެލްޖީއޭއިން ވިދާޅުވީ ކަންހިނގާފައިވާ ގޮތް ބަލައި، އެކަން ހިނގަމުން ދަނީ ޤާނޫނީ އިޖުރާތުތައް ފުރިހަމަކޮށްގެން ބިމުގެ މުއާމަލާތްތައް ކުރުމަށް އެކަށައަޅާފައިވާ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްތޯ ބަލަން ބޭނުންވާކަމަށެވެ. އެހެންކަމުން މި މުއާމަލާތް ބަލާ ވަކި ގޮތެއް އަންގަންދެން ކައުންސިލުން ކުރިއަށް ގެންދަވާ ބިން ވިއްކުމުގެ މުޢާމަލާތް ކުރިއަށް ގެންދިއުން މަޑު ޖެއްސެވުމަށް ވަނީ އަންގަވާފައެވެ.

އެލްޖީއޭގެ ސީއީއޯ ފާޠިމަތު އަފްޝަން ލަތީފު ސޮއިކުރައްވައި މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެއްވެސް ކައުންސިލަކުން ބިމާބެހޭ މުޢާމަލާތެއް ކުރަންވާނީ ބިމާބެހޭ ޤާނޫނީ އިޖުރާތުތައް ފުރިހަމަ ކުރުމަށް ފަހު، ގާނޫނުން ކައުންސިލަށް ލިބިފައިވާ ބާރުގެ ތެރެއިން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މައްސަލަ އެލްޖީއޭއިން ބަލައި ދިރާސާކުރަން ބޭނުންވާތީ މާާލެއިން ޕާކިން ޖާގަތައް ވިއްކުމަށް ސިޓީ ކައުންސިލުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތަކުގެ ލިޔެކިޔުންތައް އަންނަ ހޯމަ ދުވަހުގެ ކުރިން އެލްޖީއޭއަށް ހުށަހަޅަން އެއޮތޯރިޓީންވަނީ މާލޭ ސިޓީ ކައުންސިލަށް އަންގަވާފައެވެ.