ޚަބަރު

އައްޑޫ ކޮމިއުނިޓީ ފެސިލިޓީ ސެންޓަރުގެ ޚިދުމަތް ފަށަނީ


ސަބާގެ ފަރާތުން ރާއްޖޭގެ
އަތޮޅުތަކުގައި ޤާއިމްކުރާ ކޮމިއުނިޓީ ފެސިލިޓީ ސެންޓަރުތަކުގެ ތެރެއިން އައްޑޫ
ސިޓީގެ ކޮމިއުނިޓީ ފެސިލިޓީ ސެންޓަރުގެ ޚިދުމަތް ކުރިޔަށް އޮތް ދޮޅު މަހެއްހާ
ދުވަހުގެ ތެރޭގައި ފެށޭވަރުވާނެކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް
ޑިވްލޮޕްމަންޓުން ހާމަކުރައްވައިފިއެވެ.



ސަބާ ޕްރޮޖްކްޓަކީ މިނިސްޓްރީ
އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުން 2013 ވަނަ އަހަރު އަންހެންނުން
ބާރުވެރިކުރުވުމަށް ފެއްޓެވި ޚާއްޞަ ޕްރޮޖެކްޓެކެވެ.



ސަބާ މޯލްޑިވްސް ޕްރޮޖެކްޓަކީ
ސާރކް ޑިވެލޮޕްމަންޓު ފަންޑުން ޚަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓެކެވެ. މި
ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގަ ކޮމިއުނިޓީ ފެސިލިޓީ
ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް ސަބާ މޯލްޑިވްސްއިން ވަރަށް ބާރަށް
ކުރިޔަށް ގެންދަވާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ޑެޕިއުޓީ
މިނިސްޓަރ އަބްދުﷲ މުޙައްމަދު މިއަދު މީޑިއާއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވިއެވެ.
އެގޮތުން އައްޑޫސިޓީގެ ކޮމިއުނިޓީ
ފެސިލިޓޭޝަން ސެންޓަރުގެ ހުރިހާ މަސައްކަތެއް ނިމި އެތަނުގައި ޚިދުމަތް ކުރިޔަށް
އޮތް ދޮޅުމަހެއްތެރޭ ފެށިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.



ސީއެފްސީތަކުގެ ޚިދުމަތް ފެށުމުގެ ތައްޔާރީތައް ވަމުންދާއިރު އެ
ސެންޓަރުތަކަށް ބޭނުންވާ މެމްބަރުން ތަމްރީނުކުރެވިފައިވާކަމަށް އިކޮނޮމިކް
މިނިސްޓްރީން ވިދާޅުވެއެވެ. މީގެއތުރުން ސަބާގެ ރާއްޖޭގެ ގޮފި، ސަބާ މޯލްޑިވްސްއަށް
ސަރުކާރުން ބިމެއް ދެއްވާފައިވާކަމަށާއި، އެތަނުގައި ދިހަބުރީގެ ޢިމާރާތެއް އެޅުމަށް
ނިންމާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ
އަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ. އަދި މިޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ
ސަރުކާރުގެ ބަޖެޓުން ނޫންކަމަށާއި، މި ޢިމާރާތުގެ މަސައްކަތް ކުރަނީ ލޯން އެހީގެ
ދަށުންކަމަށް އަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.



ސަބާއަކީ ދިވެހި
އަންހެނުން އުފައްދާ ތަފާތު ބާވަތްތައް މާކެޓްކޮށް ތަކެތި އުފައްދާ ފަރާތްތަކަށް
އެހީތެރިވުމަށް އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.