އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ އައުޓް"ކެމްޕޭނުގެ ސަބަބުން ޤައުމުގެ ދާޚިލީ ސަލާމަތަށް ނުރަނގަޅު އަސަރު ފޯރުން ބޮޑުކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ. 
ސީޕީ ހަމީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. 
އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ޙަރަކާތުގެ ސަބަބުން ކުރިމަތިވާ ކަންކަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީން ވަނީ ނިންމާފައެވެ. "އިންޑިއާ އައުޓް" ޙަރަކާތުގެ މައްސަލަ ބެލުމަށް ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
ސިޕި ހަމީދު ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތުން ރައްޔިތުންގެ ރައްކާތެރިކަމުގެ އިތުރަށް ޤައުމުގެ ދާޚިލީ ސަލާމަތައްވެސް ނުރައްކާ އެބައޮތްކަމަށެވެ. މިފަދަ ޙަރަކާތްތަކުން ދިމާވެދޭނެ ނުރައްކަލަކުން ރައްޔިތުންނާއި ޤައުމުގެ ސަލާމަތްކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންނަށްވެސް ތަފާތު ގޮންޖެހުންތައް ކުރިމަތިވާކަން ސީޕީ ފާހަގަކުރެއްވިއެވެ. މިގޮތުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ތަރަހައިން ބޭރުގައި ހިންގާ ޙަރަކާތްތަކާއި ކުށްކުރާ ފަރާތްތައް މިފަދަ ހަރަކާތްތައްކަށް ވައްދައިގެން ނުރައްކަތެރި އަމަލުތައް އެމީހުންގެ ފުށުން ފެންނަކަން ފާހަގަކުރެއްވިއެވެ. 
"މިއީ އެހެން ދައުލަތަކާ ގުޅުވައި ހިންގާ ހަރަކާތެއްކަމުން އެހެނިހެން ގޮންޖެހުންތައްވެސް ކުރިމަތިވުމަކީ އެކަށީގެންވާކަމެއް. ޚާއްސަކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކިކަންކަންވެސް އެކުވެރި ދައުލަތްތަކާ ގުޅިފައި އޮވޭ." ސީޕީ ހަމީދު ވިދާޅުވިއެވެ.
 
މި ކޮމިޓީގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ މި ޙަރާކަތް ހިންގާއިރު މުޅި ރާއްޖެއާ ގުޅުންހުރި ގިނަ ކަންކަން އިންޑިއާއާ އެކުގައި ހިނގަމުންދާކަމަށެވެ. ރާއްޖޭގައި އެތަކެއް ޑޮކްޓަރުންނާއި ނަރުހުންނާއި މުދައްރިސުން ތިބިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ރާއްޖޭގައި ތިބި އިންޑިއާގެ ޚިދުމަތްތެރިންނަށް އިންޒާރުލިބޭ ހިސާބަށް ދާކަމަށެވެ. 
"ސޯޝަލް މީޑީއާގައި ކަންކަން ކުރާ ގޮތުން، ވަރަށް ސާފުގޮތެއްގައި އިންޒާރުދީ އަނިޔާވެރިކަމަށް ގޮވާލެވޭގޮތަށް ކަންކަން އެބަކުރޭ. މިއީ ރައްޔިތުންނަށް ލިބިދާނެ ވަރަށްބޮޑުނިކަމެތިކަމެއް."ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.
މި މައްސަލަ ދިރާސާކުރުމާ ބެއްވި ފުރަތަމަ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރާއްޖެއާއި ބައިނަލްއަޤްވާމީ ގުޅުން ޤާއިމްކޮށްފައިވާ ޤައުމުތަކާ އިދިކޮޅަށް އިންތިޒާމްވެގެން ރާއްޖޭގައި ހަރަކާތް ހިންގައިފިނަމަ އޭގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކީ ކޮބައިތޯ ދެނެގަންނަން ޖެހޭކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ވަކި ޤައުމަކަށް ނުވަތަ ވަކި ޝަހުސިއްޔަތަކަށް ފާޑުކިޔުމަކީ މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް ދިވެހިންގެ ބަޔަކު އިސްވެ ވަކި ޤައުމަކާ ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަކީ އެކަމުގެ ސަބަބުން ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއްކަމަށެވެ. 
އއިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓު" ކެމްޕެއިން ހިންގަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުވާ ދެކޮޅު ކަމަށް ބުނެއެވެ.