ހުޅުމާލޭ ދެވަނަ ފިޔަވަހި ބީޗް ފްރަންޓުން ދޫކުރުމަށް އެޗްޑީސީން ނިންމި 26 ގޯތި އެންމެ ބޮޑު އަގު ހުށަހެޅި ފަރާތްތަކަށް ދިނުމަށް ނިންމައިފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން 26 ގޯތި ވިއްކިއިރު، 211 މީހަކު އެކަމަށް ކުރިމަތިލާފައިވެއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޮޕަރޭޝަން، އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް 60 ގޯތި ވިއްކުމަށް ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ހުޅުވާލީ، 1،603.07 (އެއްހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި، 2،633.82 (ދެހާސް ހަސަތޭކަ ތިރީސްތިނެއް ޕޮއިންޓް އަށެއް ދޭއް) އަކަފޫޓާއި ދެމެދުގެ ބިމެވެ. މީގެ ތެރޭގައި ހިމެނެނީ އަތިރިމަތިން 26 ގޯއްޗާއި، އަތިރިމައްޗާ ކައިރިން 34 ގޯއްޗެވެ.
ބީލަމަށް އެންމެ ފުރަތަމަ ހުޅުވާލީ މީގެތެރެއިން މޫދާއި ކައިިރިން އަތިރިމަތިން ވިއްކާ 26 ގޯއްޗެވެ. 211 މީހަކު 26 ގޯއްޗަށް ބީލަން ހުށަހެޅިއިރު، ގޯތިތައް ވިއްކާފައިވަނީ އެންމެ ބޮޑު އަގު ހުށަހެޅި ފަރާތްތަކަށެވެ.
މި ބީލަމުގައި ބައިވެރިވި ފަރާތްތަކުން ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000 (ތިން ލައްކަ ވިހި ހާސް) ރުފިޔާ ދައްކާފައިވެއެވެ.
އަތިރިމަތީ ކައިރި އެހެން ސަރަޙައްދުތަކުން ވިއްކުމަށް ހަމަޖެހިފައިވާ 34 ގޯތީގެ ބީލަން ހުޅުވާލުން އޮންނާނީ މިމަހުގެ 16ވަނަ ދުވަހުކަމަށް އެޗްޑީސީން ބުނެއެވެ.
ބިން ވިއްކުމަށް ހުޅުވާލާ ފުރުޞަތުގައި އިސްކަން ދީފައިވަނީ އަލަށް ބިން ގަންނަ ފަރާތްތަކަށްކަމަށް އެޗްޑީސީން ބުނެއެވެ. މީގެއިތުރުން ބިން ގަންނަ ފަރާތްތަކަކީ މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް/ގޯއްޗެއް ރަޖިސްޓްރީ ކޮށްފައި ނުވާ މީހަކަށް ވާންޖެހެއެވެ. އަދި ކޮންމެ މީހަކަށްވެސް ގަނޭވޭނީ އެންމެ ބިންކަމަށް ވަނީ ކަނޑައަޅާފައެވެ. ދެން ހިމެނޭ ޝަރުތުތަކަކީ ދިވެހި ރައްޔިތަކަށް ވުމާއި، 18 އަހަރު ފުރިފައިވާ މީހަކަށްވުމެވެ.
2017 ވަނަ އަހަރު ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް ހުޅުމާލޭ ފަޅުން 240 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. ދެވަނަ ފިޔަވަހި ޚާއްސަކުރަނީ ގެދޮރުވެރިކުރުމުގެ މަޝްރޫޢުތަކަށެވެ. މީގެއިތުރުން އިޤްތިޞާދީ ހަބުތައްވެސް ދެވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.
ދެވަނަ ފިޔަވަހީގައި އެންމެ ފުރަތަމަ ދޫކުރި ގޯތިތަކުގައި މީހުން ދިރިއުޅެން ފެށީ 2020 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެއީ އަމިއްލަ މީހުން ބިން ގަނެ، ތަރައްޤީކޮށްފައިވާ ގެތަކުގައެވެ.