ކުޅިވަރު

ނިއުކާސްލް ޔުނައިޓެޑް ރެލިގޭޝަނުން ސަލާމަތްވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރިމެޗް ނިއުކާސްލް ކާމިޔާބުކޮށް ރެލިގޭޝަން ތިން ޓީމުން މިސީޒަންގައި ފުރަތަމަ ފަހަރަށް އަރައިފިއެވެ. ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު އެވަޓަންއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައި ވަނީ ނިއުކާސްލްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 36 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ އެވަޓަންއިންނެވެ. ނަމަވެސް މިލަނޑަކީ ނިއުކާސްލްގެ ކެޕްޓަން ޖަމާލް ލަސުލްޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް ފްރޭންކް ލެމްޕާޑްގެ ކޯޗް ކަމުގެ ދަށުން ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗް ކުޅެމުންދިޔަ އެވަޓަންއަށް މިލީޑު ދެމެހެއްޓެގޮތްވީ އެންމެ މިނެޓެއް ވަންދެނެވެ. މިމެޗްގައި ނިއުކާސްލްއިން އެއްވަރު ކުރި ލަނޑަކީވެސް އެވަޓަންގެ މޭސަން ހޯލްގޭޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގައި ނިއުކާސްލްއިން ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗްގެ 56 ވަނަ މިނެޓްގައި ރަޔަން ފްރޭސަރ ޖަހައިދިން ލަނޑުންނެވެ. އަދި އެޓީމުގެ ލީޑު މެޗްގެ 80 ވަނަ މިނެޓްގައި ފުޅާކޮށްދިނީ ވަރަށް ފަހުން އެޓްލެޓިކޯ މެޑްރިޑުން ނިއުކާސްލްއަށް ބަދަލުވި ކިއެރަން ޓްރިޕިއަރއެވެ. މިމެޗްގައި ނިއުކާސްލްއަށް އަލަށް ސޮއިކުރި ބްރޫނޯ ގުމަރާއިސް ކުޅެފައެއް ނުވެއެވެ. ނަމަވެސް އެވަޓަންއަށް ވަރަށް ފަހުން ގުޅުނު ޑެލީ ޢަލީ އާއި ޑޮނީ ވެންޑަރ ބީކް ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި މިމެޗްގައި ކުޅެފައެވެ.

މިކާމިޔާބީއާއެކު ނިއުކާސްލް މިވަނީ މިސީޒަންގައި ފުރަތަމަ ފަހަރަށް ފުލު ތިން ޓީމުގެ ތެރެއިން ބޭރަށް ޖެހިލާފައެވެ. އަދި މިއީ މިސީޒަންގައި އެޓީމް ޖެހިޖެހިގެން ދެމެޗުން މޮޅުވިވެސް ފުރަތަމަ ފަހަރެވެ. ނިއުކާސްލް މިހާރު އުޅެނީ 22 މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިމެޗްގައި ދެއްކި ކުޅުމާއެކު މިއަންނަ ސީޒަންގައިވެސް ޕްރިމިއަރ ލީގުގައި އޮވެވޭ ފެންވަރު ހުރިކަން މިވަނީ ނިއުކާސްލްއިން ދައްކާލާފައެވެ. މިމެޗުން ބަލިވުމުން އެވަޓަންއަށް މިވަނީ ރެލިގޭޝަން ސަރަހައްދާއިތުރަށް ގާތްވެފައެވެ. މިގޮތުން އެވަޓަން މިހާރު އޮތީ 21 މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު 16 ވަނައިގައެވެ. 18 ވަނައިގާ އުޅޭ ނޯވިޗް ސިޓީ އާއި އެވަޓަން އާ ދެމެދު މިހާރު ހުރީ ތިން ޕޮއިންޓްގެ ތަފާތެވެ.