އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ވޮޓްފަޑް ބައްދަލުކުރިމެޗް ވެސްޓް ހޭމް ކާމިޔާބުކޮށްފިއެވެ. މިމެޗް ވެސްޓް ހޭމް ކާމިޔާބުކުރީ އަމިއްލަ ދަނޑުގައި ކުޅެ އެއްލަނޑު ސުންލަނޑުންނެވެ.
މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން މާރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މިހާފްގައި އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ވެސްޓް ހޭމްގެ ސާއިދު ބެންރަހްމާނަށެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. މިމެޗްގައި ވެސްޓް ހޭމުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖަހައިދިނީ ޖެރޮޑް ބޮވެންއެވެ. މިމެޗްގައި ބޮވެންއަށް ވެސްޓް ހޭމްގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާވަނީ ވޮޓްފަޑްގެ ކީޕަރ ބެން ފޮސްތަރ ދިފާއުކޮށްފައެވެ. މިމެޗްގައި ވޮޓްފަޑްއިން ރަނގަޅަށް ޑިފެންސް ކޮށްގެން ކުޅުނު ނަމަވެސް މާނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މިގޮތުން މިމެޗްގައި ވެސްޓް ހޭމްގެ ގޯލަށް އަމާޒުކޮށް ވޮޓްފޯޑަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.
މިކާމިޔާބީއާއެކު ވެސްޓް ހޭމް މިވަނީ ކުޅުނު 24 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ވޮޓްފަޑް އުޅެނީ ކުޅުނު 22 މެޗުން ލިބިފައިވާ 15 ޕޮއިންޓްއެކު ތާވަލްގެ 19 ވަނައިގައެވެ.