ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަކޮށްގެން މާލެއިން ދާއިމީކޮށް 1000 ޕާކިންގ ސްލޮޓް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މީގެތެރޭގައި އުމުރުދުވަހަށް ދޫކުރާ ޕާކިނގް ސްލޮޓްތައް ހިމެނެއެވެ. ސިޓީ ކައުންސިލުން ވިދާޅުވީ ޕާކިންގ ސްލޮޓްތައް ހޯދަން ބޭނުންވާ ފަރާތްތަތަކަށް އެ ފުރުޞަތު ވަރަށްއަވަހަށް ހުޅުވާލާނެކަމަށެވެ.
މާލެ ސަރަޙައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުތައް އިތުރުވުމާއި، އެކަށީގެންވާ ޕާކިން ޖާގަ ނެތުމުގެ ސަބަބުން، މަގުތަކުގެ އެތަންމިތަނުގައި ޕާކި ކުރަން ވަނީ މަޖުބޫރުވެއެވެ.
ޕާކިންގ މައްސަލަ ޙައްލުކުރުމަށް މާލޭގެ ސިޓީ ކައުންސިލުން ވަނީ އެކަށީގެންވާ ޕާކިނގް ޖާގައޮތް ސަރަޙައްދުތަކުން، ޕާކިން ޒޯން ހަމަޖައްސައިދެމުންނެވެ.
ސިޓީ ކައުންސިލުން މިހާރު މިވަނީ މާލެއިން އިތުރު 1000 ޕާކިންގ ސްލޮޓް ދޫކުރުމަށް ނިންމާފައެވެ. ކައުންސިލުން ވިދާޅުވީ މީގެތެރެއިން "ގަރާޖް ސްލޮޓް" ގެ ގޮތުގައި ދޫކުރާ ސްލޮޓްތަކަކީ އުމުރު ދުވަހަށް އެ ވެހިކަލެއް ބާއްވަން ޔަގީންކަމާއެކު ދެވޭނެ ސްލޮޓެއްކަމަށެވެ. މިއީ ބޮޑު އަގުގައި ގަރާޖު ސިޓީ ހޯދުމަށް ދައްކަންޖެހޭ ފައިސާގެ މައްސަލައަށްވެސް ޙައްލެއް ހޯދައިދިނުމަށް ކުރާ ކަމެކެވެ.
އަދި ސަރުކާރުގެ ޕްލޭނާ އެއްގޮތަށް، ޕާކިންގް ބިލްޑިންގްތައް ތަރައްޤީކުރެވުމުން، ބިލްޑިންގްގެ ޒޯނަށް ބަދަލުކުރުމުގެ ފުރުޞަތު ލިބޭނެކަމަށެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ މީގެތެރެއިން %25 ސްލޮޓް ޚާއްސަކުރަނީ ޓެކްސީއަށް ކަމަށެވެ. އެހެންކަމުން 1000 ސްލޯޓްގެ ތެރެއިން 250 ސްލޮޓް ޚާއްސަކުރާނީ ޓެކްސީގެ ޚިދުމަތްދޭ އުޅަނދުތަކަށެވެ. ކައުންސިލުން ނިންމާފައިވަނީ ގަރާޖުގެ ގޮތުގައި ސްލޮޓް ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުޞަތުވެސް ދިނުމަށެވެ. އަދި އަނެއްބައި ސްލޮޓްތައް ކުއްޔަށް ދޫކުރުމަށެވެ.
މި ސްލޮޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ކާނިވާ ސަރަޙައްދުފަދަ ސަރަޙައްދުތަކުންނެވެ. އަދި މާލޭގެ 20ފޫޓު ފުޅާ މަގުތަކުގެ ތެރެއިން، ސައިކަލް ޒޯންތަކާއި ޓްރެފިކަށް ބާރުބޮޑު ނުވާނެހެން ސްލޮޓްތައް ދޫކުރާގޮތަށްވަނީ ކަނޑައަޅާފައެވެ.
ސްލޮޓްތައް ދޫކުރުމަށްފަހު، އެއްވެސް ސަބަބަކާހުރެ ސްލޮޓް ނަގަންޖެހިއްޖެނަމަ ނުވަތަ ސްލޮޓް ލިބުނުތަން ބަދަލުކުރަން ޖެހިއްޖެނަމަ އެފުރުޞަތު ސިޓީ ކައުންސިލުން ފަހިކޮށްދޭނެއެވެ.
ކައުންސިލުން ކަނޑައަޅާ ސަރަޙައްދުތަކުގެތެރެއިން، އެމީހަކު ބޭނުންވާ ސަރަޙައްދަކުން ސްލޮޓް ކަނޑައެޅުމުގެ އިޚްތިޔާރު ދޭނެކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން ދަނީ މި ސްލޮޓްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވަރަށްއަވަަހަށް ހުޅުވާލުމަށް މަސައްކަތްކުރަމުންނެވެ. އިޢުލާނާއެކު އަގުތައް ހާމަކުރާނެކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.