ޚަބަރު

އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ އިތުރު 838 އެނދު އޮޕަރޭޝަނަށް


އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ އިތުރު 838 އެނދު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއާއެކު ރާއްޖޭގައި އޮޕަރޭޝަނަށް ގެނެސްފައިވާ ފަތުރުވެރިކަމުގެ އެނދުގެ އަދަދުވަނީ 53998 އަށް އަރާފައެވެ. މިދިޔަ އަހަރު ނިމުނު އިރު މިއަދަދު ހުރީ 53160ގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޮޕަރޭޝަނަށް ގެނެސްފައިވާ ފަތުރުވެރިކަމުގެ އެނދުގެ ޖުމްލަ އަދަދުގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 38822 އެނދާއި، ގެސްޓު ހައުސްތަކުގެ 10928 އެނދާއި، ހޯމް ސްޓޭގެ 6 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2882 އެނދާއި، ހޮޓާތަކުގެ 1360 އެނދު ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ.

އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 162 ރިސޯޓު، 626 ގެސްޓުހައުސް، އެއް ހޯމް ސްޓޭ ފެސިލިޓީ، 146 ސަފާރީ، 10 ހޮޓާ ހިމެނޭހެން ޖުމްލަ 945 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

މިނސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޖުމްލަ ބެޑު ކެޕޭސިޓީއަކީ 59813 އެނދެވެ.

އޮޕަރޭޝަނަށް ގެންނަ އެނދުގެ ޢަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުވެސްދަނީ އިތުރުވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 163686 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 113592 ފަތުރުވެރިންނާއި އަޅާ ބަލާއިރު 44 އިންސައްތަ އިތުރު އަދަދެކެވެ.