ޚަބަރު

ރާޝިދު މެންބަރުކަމުގެ ހުވައި ކުރުން މާދަމާ


ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި މުޙައްމަދު ރާޝިދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ކުރެއްވުން މާދަމާ އޮންނާނެކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާޝިދު މެންބަރުކަމުގެ ހުވައި ކުރައްވާނީ ހެނދުނު 08:30 ގައި މަޖިލީހުގެ އިދާރާގައި ބާއްވަވާ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.

08:30ގައި މެންބަރުކަމުގެ ހުވައި ކުރެއްވުމަށްފަހު މާދަމާ 09:00ގައި ފަށާ މަޖިލީހުގެ ޖަލްސާގައިވެސް ރާޝިދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ވާދަވެރިކޮށް ކުރިއަށްދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ރާޝިދު ކާމިޔާބުކުރެއްވީ 240 ވޯޓްގެ ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.

މިއިންތިޚާބު ރާޝިދު ކާމިޔާބް ކުރެއްވީ 1،441 ވޯޓުންނެވެ. އެންމެ ގާތުން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހާންނާން އިދުރީސްއަށް ލިބިވަޑައިގަތީ 323 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލުކުރާ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ.