ޚަބަރު

ޖަޕާނުގައި ދުވާލަކު އެއް މިލިޔަން ބޫސްޓަރު ޑޯސް ޖަހަނީ


ކޯވިޑް-19ގެ ވެކްސިންގެ ތިންވަނަ ޑޯސް ނުވަތަ ބޫސްޓަރު ޑޯސް ޖަހަމުންދާ ޢަދަދު ދެގުނައަށް އިތުރުކުރައްވަން ބޭނުންފުޅުވާކަމަށް ޖަޕާނުގެ ބޮޑުވަޒީރު ފުމިޔޯ ކިޝީޑާ ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ޤާނޫނުހަދާ މަޖިލީހުގެ ބަޖަޓު ކޮމިޓީގައި ތަޤްރީރުކުރައްވަމުން ކިޝީޑާ ވިދާޅުވީ އެ ޤައުމުގައި ދުވާލަކު އެއް މިލިޔަން ބޫސްޓަރު ޑޯސް ޖަހަން ކަމާ ގުޅުންހުރި ވުޒާރާތަކަށް އަންގަވާފައިވާކަމަށެވެ. އަދި އެ ނިންމުމަށް މާރިޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޢަމަލުކުރުމަށް ތައްޔާރުވުމަށް އަންގަވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 5ވަނަ ދުވަހު ޖަޕާނުގައި ރެކޯޑު ޢަދަދެއްކަމަށްވާ 100،000 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. ކޯވިޑް-19ގެ ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައި ޖަޕާނުގެ ގިނަ ސަރަޙައްދުތަކެއްގައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

125 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޖަޕާނުގައި ބޫސްޓަރު ޑޯސް ޖަހާފައިވަނީ އެންމެ %5 މީހުންނެވެ.