ޚަބަރު

ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ


ކޯވިޑް ބަލިޖެހިގެން ފަރުވާދެމުންދިޔަ އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ.

މި ބަލީގައި ނިޔާވެފައިވަނީ 77 އަހަރުގެ ދިވެހި އަންހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވި 77 އަހަރުގެ ދިވެހި އަންހެން މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެއްކަމަށާއި އޭނާ ނިޔާވީ މިއަދު ހެނދުނު 03:32 ގައި ކަމަށެވެ.

މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 285 އަށް އަރާފައެވެ. މިއަހަރުގެ މިހާތަނަށް ކޯވިޑް ބަލީގައި 21 މީހުން ރާއްޖެއިން ވަނީ ނިޔާވެފައެވެ. އެއީ ޖެނުއަރީމަހު ނިޔާވި 13 މީހުންނާއި، އަދި ފެބްރުއަރީގެ މިހާތަނަށް ނިޔާވި 8 މީހުންނެވެ. ރާއްޖޭގައި މިވަގުތު 16775 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 60 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ.