ކުޅިވަރު

ސެނެގަލް ޤައުމީ ޓީމަށް އެޤައުމުން ހޫނު މަރްހަބާއެއް ކިޔައިފި


އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަން ސެނެގާލްގެ ޤައުމީ ޓީމަށް އެޤައުމުން ވަރަށް ހޫނު މަރްހަބާއެއް ކިޔައިފިއެވެ. މިގޮތުން ސެނެގާލް ޓީމްގެ ކުޅުންތެރިން ވެރިރަށް ޑާކާއަށް ދިއުމުން ވަނީ ޤައުމީ ބަތަލުންގެ ދަރަޖައިގެ ހޫނު މަރްހަބާއެއް ކިޔަފައެވެ.

ސެނެގާލް ޓީމް ހޯދި މިކާމިޔާބީގެ އުފާ ފާޅު ކުރުމަށް އެތައްހާސް އާންމު ރައްޔިތުންނެއް ވަނީ މަގުތަކަށް ނިކުމެފައެވެ. އަދި ޤައުމީ ޓީމަށް މަރްހަބާ ކިއުމަށްޓަކައި ސެނެގާލްގެ ރައީސް މެކީ ސާލް ވަނީ އެއަރޕޯޓަށް ވަޑައިގެންފައެވެ. އަދި ޤައުމީ ޓީމް ދަތުރުކުރި ބަހުގެ ތެރެއިން ޓީމްގެ ކޯޗް އެލިއު ސީސޭ ތަށި ދައްކާލުމާއެކު އެއްވެފައިވާ ރައްޔިތުންދިޔައީ އުފަލުން ޓީމަށް މަރްހަބާ ކިޔަމުންނެވެ. ގިނަ ފަރާތްތަކުން ބުނީ ސެނެގާލްގައި މިވަރުގެ އުފާފާޅުކުރުމެއް ދުވަހަކުވެސް ފެނިގެން ގޮސްފައެއް ނުވާކަމަށެވެ. އަދި ބަހުގައި ޓީމް ގެންދިޔައީ ޑާކާގެ މެދުތެރެއަށެވެ. އުމުރުން 17 އަހަރުގެ ސެނެގާލްގެ ޒުވާނަކު ބުނީ މިއީ އޭނާގެ ހަޔާތުގައި ފާހަގަ ކޮށްލެވޭ ދުވަހެއް ކަމަށާއި މިދުވަސް އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެކަމަށެވެ. ސެނެގާލް ސަރުކާރުން ވަނީ ސެނެގާލްގެ ފުޓޫބޮޅަ ޓީމަށް މަރްޙަބާ ކިޔުމަށް އިއްޔެއަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ކަނޑައަޅާފައެވެ.

ސެނެގާލްގެ މިކާމިޔާބީ ވަނީ ފަރަންސޭސިވިލާތުގެ ޕެރިހުގައިވެސް ފާހަގަކޮށްފައެވެ. ޕެރިހަކީ ސެނެގާލްގެ ރައްޔިތުން ގިނަ އަދަކަށް ދިރިއުޅޭ ސިޓީއެކެވެ. ސެނެގާލްގެ މިކާމިޔާބީ ފާހަގަކޮށް ޓީމާއި ބައްދަލުކުރުމަށްޓަކައި އެޤައުމުގެ ރައީސް ވަނީ އޭނާ ކުރައްވަމުން ގެންދެވި ޓުއަރއެއްވެސް ކުރު ކުރައްވާ ޤައުމަށް ވަޑައިގެންފައެވެ. ސެނެގާލް ޓީމްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމުގައިވާ ސާޑިއޯ މާނޭ ބުނީ އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބު ކުރެވުނު ދުވަހަކީ އޭނާގެ ހަޔާތުގެ އެންމެ ފާހަގަކޮށްލެވޭ ދުވަސް ކަމަށާއި މިއީ އޭނާއަށް އެންމެ މުހިންމު ތަށި ކަމަށެވެ. މާނޭ ވަނީ ފައިނަލް މެޗްގައި އެއް ޕެނަލްޓީ އޭނާ އަތުން ނާކާމިޔާބުވި ނަމަވެސް މެޗުން މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.