ޚަބަރު

ފުރަތަމަ ދައުރުގައި މަޖިލީހަށް 36 ބިލެއް ފޮނުވަނީ


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް 36 ބިލެއް މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމުގައި ބަންޑާރަ އޮފީހުން ވިދާޅުވެއްޖެއެވެ.

ބަންޑާރަ އޮފީހުން ވަނީ ސަރުކާރުގެ ފަރާތުން މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ޤަޞްދުކުރާ ބިލުތަކުގެ ލިސްޓު މަޖިލީހަށް ފޮނުވާފައެވެ. މަޖިލީހަށް މިދައުރަށް ހުށަހަޅާ 36 ބިލުގެ ތެރޭގައި އަލަށް ހުށަހަޅާ 15 ބިލަކާއި، 21 ޤާނޫނަކަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފައެވެ.

މިދައުރުގައި މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ ތެރެއިން އިސްލާހު ހުށަހަޅާ ބިލުތަކުގެ ތެރޭގައި، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހިމެނެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުވެސް މިދައުރުގައި ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

މިދައުރުގައި އަލަށް ހުށަހަޅާ ބިލުތަކުގެ ތެރޭގައި، ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލާއި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި، މޯލްޑިވްސް ހެލްތު ސާރވިސަސްގެ ބިލާއި، މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލުގެ އިތުރުން ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލުވެސް ހިމެނެއެވެ.

މަޖިލީހުގެ މިދައުރުގައިވެސް ގިނަ ބިލުތަކެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، ނިމިދިޔަ ދައުރުގައި މަޖިލީހަށް ހުށަހެޅުނު ބިލުތަކުގެ ތެރެއިން ނުނިމިހުރި ބައެއް ބިލްތަކުގެ މަސައްކަތް މިހާރުވެސް މަޖިލީހުގެ ކޮމެޓީތަކުން ދަނީ ކުރަމުންނެވެ.