ޚަބަރު

ހައިޑްރޯގްރަފިކް ސަރވިސް ޑިފެންސް ދަށަށް، ރުހުން ހޯދުމަށް މަޖިލީހަށް


ރާއްޖޭގެ ކަނޑުގެ އަޑީގެ ސަރަހައްދު ދެނެގަތުމަށް ކުރާ މަސައްކަތް މޯލްޑިވްސް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމައި، ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް"ގެ ނަމުގައި އިދާރާއެއް އުފައްދާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. މިއިދާރާ ޑިފެންސްގެ ބެލުމުގެ ދަށަށް ގެންދަން މަޖިލީހުން ރުހުން ދިނުމަށް އެދި ސިޓީއެއް ވަނީ ފޮނުއްވާފައެވެ.

މިބަދަލާއި ގުޅޭގޮތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއީ ހައިޑްރޯގްރަފީގެ މަސައްކަތް ޑިފެންސް މިނިސްޓްރީގެ ދަށުގައި ބޭއްވުމަށް މިނިސްޓްރީއަށް ގެންނަން ހުށަހަޅުއްވާފައިވާ ބަދަލެއްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގެ ޗާޓެއް ހެދިފައިވަނީ 1846 ގައިކަމަށެވެ. އެއަށްފަހު މިއަދާއި ހަމައަށް ބޭނުން ކުރަމުންދަނީ އެޗާޓްކަމަށް ނަޝީދު ވިދާޅުވިއެވެ. އޭގެ ފަހުން ބޭނުންކުރަމުންދަނީ ސެޓެލައިޓުން އިމޭޖު ބޭނުންކޮށްގެން ހަދާފައިވާ ޗާޓެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިހާރުގެ ޓެކްނޮލޮޖީއާއި ގުދުރަތީ ގޮތުން އަންނަމުންދާ ބަދަލުތަކާއިއެކު، ކަނޑުގެ ސަރަހައްދުގެ މައުލޫމާތު ފުރިހަމަކުރުމަކީ މިއަދު ރާއްޖެއަށް ކޮންމެހެން ބޭނުން ވެފައިވާ ކަމެއްކަމުގައި ނަޝީދު ވިދާޅުވިއެވެ.

މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްއިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގެ ހައިޑްރޯގްރަފިކް ސަރވޭތައްކޮށް، މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމާއި، ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފިކް ސަރވޭތަކުގެ މަޢުލޫމާތު ހޯދައި، މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ ހައިޑްރޯގްރަފިކް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުމާއި، ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަދާހަމަކޮށް ޢާންމުކުރުމާއި، ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިޢުކޮށް އަދާހަމަކުރުންވެސް ހިމެނެއެވެ.