ރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ޝިއެން ލޫންއާ ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން އޮތީ އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ސިންގަޕޫރުގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އދގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތުން އިސްކަންދެއްވާނެ މަސައްކަތްތަކާއި ގުޅޭގޮތުން ސިންގަޕޫރުގެ ބޮޑުވަޒީރަށް ޝާހިދު މައުލޫމާތު އެރުވިއެވެ. އަދި ސިންގަޕޫރުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ގްރީން ޕްލޭންގެ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ޝާހިދު ތައުރީފް ކުރެއްވިއެވެ.
Honoured to meet Singapore’s Prime Minister H.E. @leehsienloong this afternoon
— Abdulla Shahid (@abdulla_shahid) February 7, 2022
Briefed him on #UNGA76 priorities, discussed role played by ??in #ForumOfSmallStates, #CyberSecurity, commended ?? for its 2030 Green Plan & commitment to strengthen multilateralism
?- @SingaporeMCI pic.twitter.com/86bQgw3C3G
ސިންގަޕޫރުގެ ބޮޑުވަޒީރުގެ އިތުރުން، ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބާއިވެސް ޝާހިދު ބައްދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސިންގަޕޫރުގެ ރައީސް ވަނީ ދުނިޔޭގެ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި، ވާހަކަފުޅުދައްކަވަފާއެވެ.
ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ސިންގަޕޫރުގެ ހާރިޖީ ވަޒީރު ވިވިއަން ބަލަކްރިޝްނަންއާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އެކި ދާއިރާތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ވެކްސިންގެ ހަމަހަމަކަން، މަލްޓިލެޓަރިޒަމް އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ސިންގަޕޫރުގެ ހާރިޖީ ވަޒީރު ވަނީ މިއީ އދގެ އާއްމު މަޖިލީހުގެ ރައީސަކު ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ. އަދި ސިންގަޕޫރެކޭ އެއްގޮތަށް ކުޑަ ގައުމެއްކަމަަށްވާ ރާއްޖެއަށް ނިސްބަތްވާ ބޭފުޅަކަށް އެ ޝަރަފު ލިބިވަޑައިގަތުމަކީ ހާއްސަ ކަމެއްގެ ގޮތުގައި ސިންގަޕޫރުގެ ހާރިޖީ ވަޒީރު ސިފަ ކުރެއްވިއެވެ.
ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޝާހިދު ވަނީ ސިންގަޕޫރުގެ ސިޓީ ގެލެރީއަށް ޒިޔާރާތްކުރައްވާފައެވެ. މި ޒިޔާރަތުގައި ސިންގަޕޫރުގައި އެކުލަވާލާ ދެމެހެއްޓެނިވި ސިޔާސަތުތަކާއި، އެ ސިޔާސަތުތަކުގެ ތެރެއިން ކުރިއަށްގެންދަން ރާވަފައިޗާ މަޝްރޫޢުތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ސާފުކުރައްވާފައެވެ.