ޚަބަރު

ޗައިނާގައި ހުންނަވަނިކޮށް ޕަޕައު ނިޔު ގިނީގެ ބޮޑުވަޒީރަށް ކޯވިޑް-19 ޖެހިއްޖެ


ޕަޕައު ނިޔު ގިނީގެ ބޮޑުވަޒީރު ޖޭމްސް މަރައްޕޭއަށް ކޯވިޑް-19 ޖެހިއްޖެއެވެ.

ޕަޕައު ނިޔު ގިނީގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން ބުނެފައިވަނީ މަރައްޕޭއަށް ކޯވިޑް-19 ޖެހިފައިވަނީ ޗައިނާގައި ބާއްވަމުންދާ ފިނި މޫސުމުގެ އޮލިންޕިކްސް ކުޅިވަރުތައް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމުގެ ވެރިރަށް ބެއިޖިންނަށް ވަޑައިގެންނެވިފަހުންކަމަށެވެ. އެ ގޮތުން އޭނާއަށް ކޯވިޑް-19 ޖެހިފައިވާކަން އެނގިވަޑައިގަތީ ފެބުރުއަރީ މަހުގެ 3ވަނަ ދުވަހުކަމަށާއި އޭނާ އެންބުރި ޕަޕައު ނިޔު ގިނީއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި އޮތީ ފެބުރުއަރީ މަހުގެ 6ވަނަ ދުވަހުކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ޕަޕައު ނިޔު ގިނީގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާއިންވަނީ މަރައްޕޭގެ ޞިއްޙީ ޙާލުކޮޅާމެދު އެއްވެސް އެއްޗެއް ޢާއްމުކުރަން ދެކޮޅުހަދައިފައެވެ. ނަމަވެސް އޭނާ ކޯވިޑް-19ގެ ވެކްސިންގެ ތިންވަނަ ޑޯސެއް ޖަނަވަރީ މަހުގެ 24ވަނަ ޖެއްސެވިކަމަށް އެ އިދާރާއިންވަނީ ބުނެފައެވެ.

ޢުމުރުފުޅުން 50 އަހަރުގެ މަރައްޕޭއަށް ކޯވިޑް-19 ޖެހިފައިވަނީ ފެބުރުއަރީ މަހުގެ 9ވަނަ ދުވަހުން 11ވަނަ ދުވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަރަންސޭސިވިލާތަށް ވަޑައިގެންނެވުމަށް ނިންމާފައިވަނިކޮށެވެ.