ކުޅިވަރު

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތަށި ސެނެގާލް ކާމިޔާބުކޮށްފި


ކެމެރޫންގައި ކުރިއަށްދިޔަ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތަށި ސެނެގާލްއިން ކާމިޔާބުކޮށްފިއެވެ. މިއީ މިމުބާރާތުގެ ތަށި ސެނެގާލްއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ސެނެގާލް ހޯދީ ރޭ ކުޅުނު ފައިނަލްމެޗްގައި މިމުބާރާތުގެ އެންމެ ކާމިޔާބު ޤައުމު ކަމަށްވާ މިސްރާއި ބައްދަލުކޮށް ޕެނަލްޖީ ޖަހައިގެންނެވެ. މިމެޗްގައި ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން އިތުރު ވަގުތުގެ ދެހާފް ކުޅެ ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖަހައިގެން ސެނެގާލް މެޗް ކާމިޔާބުކުރީ 4 ލަނޑު 2 ލަނޑުންނެވެ.

މިމެޗުގައި ސެނެގާލްއިން ހަމަލާއަށް އިސްކަން ދީގެން ކުޅުނު އިރު މިސްރު ފެނގެންދިޔައީ ދިފާއަށް އިސްކަންދީގެން ކުޅުނު ތަނެވެ. މިމެޗްގެ ކުރީކޮޅު މެޗްގެ ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ސެނެގާލްއަށް ލިބިގެންދިޔައެވެ. ނަމަވެސް ޓީމުގެ އިތުރުބާރު ފޯވަޑް ސާޑިއޯ މާނޭ ފޮނުވާލީ ޕެނަލްޓީ ވަނީ މިސްރުގެ ކީޕަރ ގަބާސްކީ ދިފާއުކޮށްފައެވެ. މާނޭ އާއި މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހުގެ ކުރިމަތިލުމެއްގެ ގޮތުގައި ފާހަގަ ވެގެންދިޔަ މިމެޗްގައި މާނޭގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އިރު ސަލާހްގެ ފަރާތުން އޭނާގެ އެންމެ މޮޅު ކުޅުން ފެނިގެން ގޮސްފައެއް ނުވެއެވެ. މިމެޗްގެ ޕެނަލްޓީ ޝޫޓް އައުޓްގައި ސެނެގާލްގެ އެންމެ ފަހު ޕެނަލްޓީ ކާމިޔާބުކޮށް މެޗް ކާމިޔާބުކޮށްދިން ޕެނަލްޓީ ޖަހަފައިވަނީ މާނޭއެވެ.

ސެނެގާލްއިން މީގެކުރިން ދެފަހަރެއްގައި މިމުބާރާތުގެ ފައިނަލްގައި ވާދަކުރި ނަމަވެސް މީގެކުރިން މިމުބާރާތުގެ ތަށި ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެހެންކަމުން މި މުބާރާތް ކާމިޔާބު ކުރެވުމާއެކު މިވަނީ އެޤައުމުގެ 60 އަހަރު ވީ އިންތިޒާރެއް ނިމުމަކަށް އައިސްފައެވެ.