ޚަބަރު

ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ ޢަދަދު 150000އަށް


އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދު 150000އިން މައްޗަށް އަރައިފިއެވެ. ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން 1700އަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 1757 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެތެރެއިން 628 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 815 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. ރިސޯޓްތަކުން 133 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 150337 އަށް އަރާފައެވެ.

އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރު ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ. މިވަގުތު 17169 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 52 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

މިދިޔަ 24 ގަޑިއިރު 2223 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 132872 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5792 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 283 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައި މިވަނީ ކޯވިޑްގެ އާ ވޭރިއަންޓާއެކުއެވެ. މިހާރުގެ ޕީކްގައި އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.