ޚަބަރު

ހުޅުމާލޭ "ކަންނެލި ޖެޓީގައި" މަސްވެރިންނަށް މައިޒާނެއް


ހުޅުމާލޭގައި ތަރައްޤީކުރި މަސްވެރިންގެ މައިޒާން ހުޅުވައިިފިއެވެ. މިއީ ހުޅުމާލޭގެ "ކަންނެލި ޖެޓީ" ބޭނުންކުރާ މަސްވެރިން ހިތްހަމަޖައްސާލައި، ވަގުތު ހޭދަކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރެޝަން (އެޗްޑީސީ)އިން ތަރައްޤީކުރި މައިޒާނެކެވެ.

އެޗްޑީސީން ހުޅުމާލޭގައި ތަރައްޤީކުރި މަސްވެރިންގެ މައިޒާން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްތާގެ ނައިބު ފައިސަލް ނަސީމެވެ.

ހުޅުމާލޭގެ މަސްވެރިންގެ ބަނދަރަކީ މަސް ބާނާ އުޅަނދުފަހަރުން އެކި ބޭނުންތަކުގައި އަންނަ މައި އެއް ބަނދަރެވެ.

ބަނދަރު ސަރަޙައްދުގައި ހެދި މައިޒާނަކީ މަސްވެރިންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް އެއް ސަރަޙައްދަކުން ލިބޭނެގޮތް ފަހިކޮށްދިނުމަށް ހެދި ތަނެވެ. މައިޒާނުގައި ޖޯއްޔާއި، ގޮނޑިއާއި މޭޒުވެސް ވަނީ ބަހައްޓާފައެވެ. އަދި އާއްމުކޮށް ބޭނުންކުރާ އެކި ކަހަލަ ބުއިންތަކާއި ލުއިކާނާއާއި އިތުރު ސާމާނު ވިއްކާ ފިހާރައެއްވެސް ހުރެއެވެ.

މައިޒާން ހުޅުއްވައިދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ މަސްވެރިންގެ މަސައްކަތަކީ، ރާއްޖެ ކޮންމެ ޙާލަތެއްގައި އޮތް ނަމަވެސް ހުއްޓުމެއްނެތި ކުރިއަށްދާ މުހިންމު މަސައްކަތްތަކެއްކަމަަށެވެ. މަސްވެރިކަމުގެ ސިނާޢަތް ދިރުވައި އާލާކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއްދެއްވައިގެން ކުރަމުންދާ މަސައްކަތެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"މަސްވެރިންނަށް ޚާއްސަކޮށް މި ސަރަޙައްދު އިތުރަށް ތަރައްޤީކުރަން އެޗްޑީސީން ރަވާފައިވާ މަސައްކަތްތައް ލަސްނުކޮށް ފެށުމަށް އެދެން. އެގޮތުން މަސްވެރިންނަށް ބަނދަރަށް ފަސޭހައިން ވަދެ ނިކުމެވޭނެ ގޮތެއްވެސް މުހިންމު." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ އެކި ދާއިރާތަކުގެ ކުރިއެރުމަށް ކުރާ މަސައްކަތަކަށް ހުރަސް އަޅާ ބަޔަކަށް ނުވެ، މަސައްކަތްތަކަށް އެއްބާރުލުންދޭ ބަޔަކަށްވާން މުޖުތަމަޢު ޖެހޭކަމަށެވެ.

މަސްވެރިންގެ މައިޒާން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަހުމަދު ވިދާޅުވީ ހުލުމާލޭގެ "ކަންނެލި ޖެޓީ" ސަރަޙައްދު ތަރައްޤީކުރުމަކީ އެޗްޑީސީން ޚާއްސަ ޕްލޭނެއްގެދަށުން ކުރުމަށް ނިންމާފައި އޮތް ކަމެއްކަމަށެވެ. މިކަމަކީ ހުޅުމާލެއަށް އަންނަ އޮޑިދޯނިފަހަރުގެ މަސްވެރިންވެސް ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތްތައްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަލަށް މި ހެދި މައިޒާނާއެކުވެސް މަސްވެރިން ހިތްހަމަޖެހިފައިވާކަން ސުހައިލް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ޕްލޭނަކީ މިއަށްވުރެ ފުރިހަމަ މަސް މާރުކޭޓެއް، ހޮޓަލަކާ އަދި ޑޭ ރޫމް ހިމެނޭހެން މި ސަރަޙައްދުގައި އިމާރާތެއް ތަރައްޤީކުރުން. ނަމަވެސް މިވަގުތާ ޙަލަތުގެ ސަބަބުން ހުރިހާ މަސަތެއް ނުގެންދެވެނީ، މި ވަގުތަށް އެންމެ ރަނގަޅު ޙައްލަކާއެކު މިމަސައްކަތް ގެންދިޔައީ." ސުޙައިލް ވިދާޅުވިއެވެ.

ހުޅުމާލެއަކީ މަސް އޮޑިފަހަރު، މަސް ވިއްކުމާއި އަދި ދަތުރުތައް ނިންމައި މަޑުކުރުމަށްވެސް ބޭނުންކުރަމުން އަންނަ ބަނދަރެކެވެ. މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ މަސްވެރިން މާލެ ސަރަޙައްދަށް އައިސް ބޭނުންކުރާ މައި ބަނދަރުވެސްމެއެވެ.