ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމާއި ގިނަ ޢަދަދެއްގެ ބަޣާވާތްތަކާ ކުރިމަތިލުމާއި އިސްރާއީލާ ގުޅުން ކަނޑައިލުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެފްރިކަން ޔޫނިޔަން، އޭޔޫގެ އިސްވެރިންގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެފްރިކާގެ 55 ޤައުމުގެ މައްޗަށް އެކުލެވޭ އޭޔޫގެ ޤައުމުތަކުގެ ބައްދަލުވުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި އެފްރިކާގައި ކުރި ހަ ބަޣާވާތާ ކުރިމަތިލުމަށެވެ. އޭގެ ތެރެއިން ކާމިޔާބުވެފައިވަނީ ހަތަރު ބަޣާވާތެކެވެ. އަދި ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެކަނިވެސް ބުކީނާ ފާސޯއާއި ގިނީ ބިސާއުގައި ބަޣާވާތްކޮށްފައިވެއެވެ، ނަމަވެސް އޭގެ ތެރެއިން ގިނީ ބިސާއުއަށް ގެންނަން އުޅުނު ބަޣާވާތްވަނީ ނާކާމިޔާބުވެފައެވެ. ބަޣާވާތްކޮށް ސަރުކާރު ބަދަލުކުރުމުގެ ސަބަބުން ބުކީނާ ފާސޯއާއި މާލީއާއި ސޫދާންވަނީ އެ ޖަމުޢިއްޔާއިން އެކަހެރިކޮށްފައެވެ. އެ ތިން ޤައުމުގެ ތެރެއިން މާލީގައިވަނީ ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ބަޣާވާތްކޮށްފައެވެ.
1.2 ބިލިޔަން މީހުން ތަމުޞީލްކުރާ އޭޔޫއިންވަނީ އިސްރާއީލަށް އެ ޖަމުޢިއްޔާއިން ދީފައިވާ އޮބްޒާވަރުކަން އަތުލައި އެ ޤައުމާއެކު އޮންނަ ގުޅުންތައް މުރާޖަޢާކުރުމަށްވެސް ހުށަހަޅައިފައެވެ. އެފަދަ ނިންމުމެއް ތަންފީޒުކުރުމުގެ ފަހަތުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަނީ ދެކުނު އެފްރިކާއާއި ނައިޖީރިޔާއާއި އަލްޖަޒާއިރެވެ. ނަމަވެސް އިސްރާއީލާ ގުޅުން ޤާއިމުކޮށްފައިވާ މަޣްރިބާއި ކޮންގޯފަދަ ޤައުމުތަކުންވަނީ އެފަދަ ނިންމުމެއް ނިންމަން ދެކޮޅުހަދައިފައެވެ.
މީގެ 20 އަހަރުކުރިން ޤާއިމުކުރި އޭޔޫގެ ސަމާލުކަންވަނީ އިތިއޯޕިޔާގައި ކުރަމުންދާ ހަނގުރާމައަށާއި ސޫދާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށްވެސް ހުއްޓިފައެވެ. އެ ގޮތުން ދަޢުލަތުގެ ބާރުތައް ބޭނުންކޮށްގެން ޢާއްމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގުން ހުއްޓާލަން ޖެހޭކަމަށް ގިނަ ޤައުމުތަކަކުންވަނީ ގޮވާލައިފައެވެ. އިތިއޯޕިޔާއަށް ބޮޑު ސަމާލުކަމެއް ލިބިފައިވާ ދަނޑިވަޅެއްގައި އެ ޤައުމުގެ ބޮޑުވަޒީ އަބޭ ޢަހްމަދު ދެއްވި ތަޤްރީރުގައިވަނީ އދގެ ސަލާމަތީ މަޖިލީހުން އެފްރިކާއަށް ޚާއްޞަ ގޮނޑިއެއް ކަނޑައެޅުމަށް ގޮވާލައްވައި އެފްރިކާގެ ޤައުމުތަކާ ގުޅޭ ޚަބަރުތައް ޞައްޙަކަމާއެކު ގެނެސްދިނުމަށް ނޫސް އިދާރާއެއް ޤާއިމުކުރުމަށް ހުށަހަޅުއްވައިފައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އާ ގުޅޭގޮތުން އޭޔޫގެ ވިސްނުން ހުރީ ހަމަހަމަކަމާއެކު އެފްރިކާގެ ޤައުމުތަކަށްވެސް ވެކްސިން ލިބޭނެ ގޮތްތަކެއް ތަންފީޒުކުރުމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި އެފްރިކާގެ ޤައުމުތަކަށް ވެކްސިންގެ ގިނަ ޢަދަދެއްގެ ޑޯސްތަކެއް ލިބުނު ނަމަވެސް ދަތުރުފަތުރުކުރަން އުނދަގޫވުމުގެ ސަބަބުން ޢާއްމު ރައްޔިތުންނަށް ވެކްސިން ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށްވެސް އޭޔޫއިންވަނީ ފާހަގަކޮށްފައެވެ.