ޚަބަރު

ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށަނީ


ޕާކިސްތާންގެ ޤައުމީ އެއަރލައިން، ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ އެއަރލައިނުން ހާމަކޮށްފިއެވެ.

ޕާކިސްތާނުގެ ނޫސްތަކުގައި އެއަރލައިންގެ ސީއީއޯ އަރުޝަދު މާލިކާއި ހަވާލާދީ ބުނެފައިވަނީ، ތިން ޤައުމަކަށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުރިން ދަތުރުތައް ބާއްވަމުންދިޔަ އިސްތަންބުލް އަދި ބެންކޮކަށް އަލުން ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށްވެސް މާލިކް ވިދާޅުވެފައިވެއެވެ.

ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްއިން އަލަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ މަންޒިލްތަކަކީ އޮސްޓްރޭލިއާ، ދިވެހިރާއްޖެ އަދި ހޮންގކޮންގެވެ. އަދި މީގެ އިތުރުން އެއަރލައިނުން ދަނީ އިނގިރޭސިވިލާތަށާއި، އެމެރިކާ އަދި ޔޫރަޕުގެ ޤައުމުތަކަށް ބާއްވަމުން އައި ދަތުރުތައް އަލުން ފެށުމަށްޓަކައި ކަމާއި ގުޅޭ އިދާރާތަކާއެކު މަޝްވަރާކުރަމުންނެވެ.

އެގޮތުން މިކަމަށްޓަކައި އެއަރލައިނުން އޮޑިޓެއް ފުރިހަމަކުރަން ޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީއިން ވަނީ އަންގާފައެވެ. ސީއީއޯ މާލިކު ވިދާޅުވީ މިމަހުގެތެރޭ މި އޮޑިޓު ނިންމާ އެސަރަޙައްދުގެ ޤައުމުތަކަށް އަލުން ދަތުރުތައް ފެށޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ޕާކިސްތަނަކީ ދިވެހިން އާއްމުކޮށް ދަތުރުކުރާ ޤައުމެއް ނޫނެވެ. އެހެންނަމަވެސް ތައުލީމު ހާސިލުކުރުމަށް މަދުން ނަމަވެސް ދިވެހިން ޕާކިސްތާނަށް ދެއެވެ. އަދި ރާއްޖޭގެ އެކި ދާއިރާތަކުގައި ޕާކިސްތާނަށް ނިސްބަތްވާ މީހުން ވަޒީފާ އަދާކުރަމުންދާކަންވެސް ފާހަގަކޮށްލެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަށް ދައްކާގޮތުން 2019ވަނަ އަހަރު އެޤައުމުން ރާއްޖެއަށް 6095 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. 2021 ވަނަ އަހަރު މި އަދަދުވަނީ 13764 އަށް އިތުރުވެފައެވެ.