ޚަބަރު

ލަންކާގައި ދިވެއްސަކު މަރާލި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް!


ލަންކާގައި އިއްޔެ މަރާލާފައި އޮތްވާ ފެނުނު ދެ މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑަކީ ދިވެއްސެއްގެ ހަށިގަނޑުކަމަށް ލަންކާ ފުލުހުން ވިދާޅުވެއްޖެއެވެ.

ލަންކާ ފުލުހުން މިހެން ބުނެފައިވާއިރު، ދިވެއްސަކު ލަންކާގައި ހުކުރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާކަމަށް ސޯޝަލް މީޑިއާގައި ވަނީ ޚަބަރު ފެތުރިފައެވެ. އުމުރުން 23 އަހަރުގެ އަފްހަމް ނަސީރު ގެއްލުމާއި އެކަން ދިވެހި އެމްބަސީއަށް އަންގާފައިކަމަށްވެސް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ.

މަރުވެފައިވާ މީހާގެ ހަށިގަނޑަކީ ސީދާ އަފްހަމްގެ ހަށިގަނޑުކަން ލަންކާ ފުލުހުން ކަށަވަރުކޮށްދީފައި ނުވިނަމަވެސް އޭނާ ގެއްލިގެން ހޯދަމުންދާކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވާކަމަށް ޢާއިލާއާއި ޙަވާލާދީ ފުލުހުން ވިދާޅު ވަނީ ހުކުރު ދުވަހުއެވެ.

އޭނާ ގެއްލިގެން އުޅެނިކޮށް ލަންކާގެ ވެއްލަވައްތެ ބީޗް ސަރަޙައްދުން ހޮނިހިރު ދުވަހު ފެނިފައިވާ 2 ހަށިގަނޑުގެ ތެރެއިން އެކަކީ ދިވެއްސެއްކަމަށް ލަންކާ ފުލުހުންނާ ޙަވާލާދީ އެޤައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އަދި އޭނާގެ ހަށިގަނޑުގައި ވަޅިން ދީފައިވާ ޙަމަލާތަކެއްގެ ނިޝާން ހުރިކަމަށްވެސް ލަންކާ ފުލުހުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފޮރިންގ މިނިސްޓްރީން ވިދާޅުވީ ދިވެއްސަކު ލަންކާގައި މަރާލާފައިވާކަން ހާމަވުމާއި ގުޅިގެން މިހާރު އެކަން ބަލަމުންދާކަމަށެވެ. އެހެންނަމަވެސް މަރާލާފައިވަނީ ގެއްލިގެން ހޯދަމުންދާ ދިވެހި ޒުވާނާކަން މިހާތަނަށް ލަންކާގެ އެއްވެސް އިދާރާއަކުން ހާމަކޮށްފައިނުވާކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވެއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ ލަންކާގައި ދިވެއްސަކު މަރާލާފައިވާ ޚަބަރު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި ކަމާ ގުޅޭ އިދާރާތަކާއި ގުޅިގެން މިމައްސަލަ ބަލަމުން އަންނަކަމަށެވެ.