ދުނިޔޭގެ ވިޔަފާރި

އިޔާދަކުރަނިވި ހަކަތައާގުޅޭ އުފެއްދުންތަކަށް އެމެރިކާއިން ޓެކްސް ނަގާތީ ޗައިނާގެ ކޮންބޮޑުވުން


އިރުގެ އަވިން ހަކަތަ އުފެއްދުމަށް ބޭނުންކުރާ ތަކެތިން ނަގާ އިމްޕޯޓް ޓެކްސް ދެމެހެއްޓުމަށް، އެމެރިކާއިން ނިންމުމާއި ގުޅިގެން ބައިނަލްއަޤްވާމީ ވިޔަފާރިއަށް އަސަރުކޮށްފައިވާކަމަށް، ޗައިނާއިން ބުނެފިއެވެ.

1974 ވަނަ އަހަރު އެކުލަވާލާފައިވާ އެމެރިކާގެ ވިޔާފާރިއާބެހޭ ޤާނޫނުގެ 201 ވަނަ ނަންބަރުގެ ދަށުން، އަވިން ހަކަތަ އުފައްދުމަށް ބޭނުންވާ ބައިތައް އެތެރެކުރުމަށް ނަގާ ޓެކްސް ފުރަތަމަ ނަގަން ފަށާފައިވަނީ 2018 ވަނަ އަހަރު، ޑޮނަލްޑް ޓަރަމްޕްގެ ވެރިކަމުގައެވެ. އޭރު އުފެއްދުންތަކުގެ އަގުގެ 30 އިންސައްތަ އިމްޕޯޓް ޓެކްސް ގޮތުގައި ނަގަމުން އައިސް މި ޢަދަދު ވަނީ 15 އިންސައްތައަށް ތިރިކޮށްފައެވެ.

ޓެކްސް ނެގުމުގެ މުއްދަތު ހަމަވުމުން މިދިޔަ ހުކުރު ދުވަހު އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވަނީ ކުރިއަށްއޮތް 4 އަހަރުވެސް މި ޓެކްސް ނަގަމުން ގެންދިއުމަށް ނިންމަވާފައެވެ. ނަމަވެސް އެ ޤައުމުގައި ހިންގާ ތަފާތު ސޯލާ ޕްރޮޖެކްޓްތަކުގައި އެންމެ ގިނައިން ބޭނުންކުރާ ވައްތަރުގެ ސޯލާ ޕެނަލް ކަމަށްވާ ދެފުށުން ކަރަންޓް އުފައްދާ (ބައި-ފޭޝަލް) ޕެނަލްގެ އިމްޕޯޓް ޓެކުހާގުޅޭ މާއްދާތަކަށް ކޮންމެވެސްވަރެއްގެ ލުޔެއް ދީފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާގެ މި ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް، ޗައިނާގެ ކޮމާރސް މިނިސްޓްރީން ބުނީ، މި ނިންމުމުގެ ސަބަބުން އެމެރިކާގެ ސިނާޢަތްތަކަށް އަސަރުކުރުމުގެ އިތުރުން އިޔާދަކުރަނިވި ހަކަތައަށް އަހުލުވެރިވުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތަށްވެސް ހުރަސްއެޅިފައިވާކަމަށެވެ.

އިމްޕޯޓް ޓެކްސްގެ ސަބަބުން، އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންކުރާ އައު އުފެއްދުމެއް ކަމަށްވާ "ފޮޓޯވޮލްޓެއިކްސް" ގެ ބައިނަލްއަޤްވާމީ ވިޔަފާރިއަށް އަސަރުކުރާނެކަމަށްވެސް ޗައިނާއިން ބުނެއެވެ.

ދުނިޔޭގައި ސޯލާ ސިސްޓަމަށް ޚާއްޞަ އުފެއްދުންތަކުގެ އެންމެ ބޮޑު އިންސައްތައެއް އެކްސްޕޯޓުކުރާ ޤައުމަކީ ޗައިނާއެވެ. މިދިޔަ އަހަރު ނިމުނުއިރު އެޤައުމުގެ ސޯލާ ކެޕޭސިޓީ ވަނީ 306.6 ގިގަވޮޓް އަށް އަރާފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެތެރޭގެ މާކެޓުން އިޔާދަކުރަނިވި ހަކަތައާބެހޭ އުފެއްދުންތަކަށް އޮންނަ ޑިމާންޑު ބޮޑު ވުމާއި، ޤައުމުތަކުން އިމްޕޯޓް ޓެކްސް ނަގާ މިންވަރު އިތުރުވަމުން އަންނާތީ، ޗައިނާގެ މިހާރުގެ ވިސްނުންހުރީ އެތެރޭގެ މާކެޓަށް ޙާއްޞަކޮށްގެން މި އުފެއްދުންތައް ވިއްކުމަށެވެ. އެގޮތުން ޗައިނާއިން ޢަމާޒުކުރަނީ 2030 ވަނަ އަހަރުގެ ނިޔަލަށް އިރުގެ އަވި އަދި ވައި ބޭނުންކޮށްގެން އުފައްދާ އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ 1200 ގިގަވޮޓް އަށް އިތުރުކުރުމަށެވެ. މި ޢަދަދު މިދިޔަ އަހަރު ހުރީ 635 ގިގަވޮޓް ގައެވެ.