ޚަބަރު

ކޯވިޑް ބަލީގައި ރާއްޖޭން އިތުރު މީހަކު ނިޔާވެއްޖެ


ކޯވިޑް ބަލިޖެހިގެން ފަރުވާދެމުންދިޔަ އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ. މި ބަލީގައި ނިޔާވެފައިވަނީ 80 އަހަރުގެ ދިވެހި އަންހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ނިޔާވި 80 އަހަރުގެ ދިވެހި އަންހެން މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެއްކަމަށާ އޭނާ ނިޔާވީ މިއަދު 03:35ގައި ކަމަށެވެ.

މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 281 އަށް އަރާފައެވެ. އަދި މިއީ މިބަލީގައި މިމަހުގެ ނިޔާވި 5 ވަނަ މީހާވެސްމެއެވެ. ރާއްޖޭގައި މިވަގުތު 17735 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 56 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ.