ދުނިޔޭގެ ވިޔަފާރި

އެޕަލް ކުންފުނީގެ އައު އުފެއްދުންތަކެއް އަންނަ މާރިޗުމަހު


އެޕަލް ކުންފުނިން އަންނަ މާރިޗުމަހު އައު 5ޖީ އައިފޯނާއި، އައިޕެޑްގެ އިތުރު ވާރޝަންއެއް ނެރުމަށް މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުތަށް ބުނެފިއެވެ.

އެޕަލް ކުންފުނީގެ އައު އުފެއްދުންތަކާ ގުޅޭގޮތުން ބްލޫމްބާރގް ނިވްސްއިން ބުނެފައިވަނީ، އައު 5ޖީ އައިފޯން ވެގެންދާނީ އެޕަލް ކުންފުނީގެ އައިފޯން އެސްއީ މޮޑެލަށް ދެއަހަރު ތެރޭގައި ގެންނަ ފުރަތަމަ ބަދަލަށް ކަމަށެވެ. އެގޮތުން މި އައިފޯނުގައި 5ޖީ ނެޓްވޯރކް ބޭނުންކުރެވޭގޮތަށް ހުރުމާއެކު، ކުރިއަށްވުރެ ކޮލެޓީ ކެމެރާއަކާއި އަވަސް ޕްރޮސެސަރއެއް ހިމެނޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

އެޕަލް ކުންފުނިން އަގުހެޔޮ ވާޝަންއެއް ކަމަށް ބުނާ މި 5ޖީ އައިފޯނާއި، އައިޕެޑްގެ އައު ވާޝަން ނެރުން މިއަހަރުގެ މާރިޗުމަހަށް ލަފާކުރާ ނަމަވެސް، ފެކްޓްރީ މަރުޙަލާގައި ލަސްތަކެއް ދިމޭވެއްޖެނަމަ މި އުފެއްދުންތައް ނެރުން ފަސްކޮށްފާނެކަމަށް ބެލެވޭކަމަށް ނޫސްތަކުން ހާމަކުރެއެވެ.

ދުނިޔޭގެ ބާޒާރުގައި ޗިޕް މަދުވުމުގެ ތާށިކަން ކުންފުނިތަކުން ތަޙައްމަލުކުރަމުންދާ މި ދަނޑުވަޅުގައި އެޕަލް ކުންފުނިން ދަނީ ޗިޕް ލިބުން ދަތިވި ނަމަވެސް ރިކޯޑް އާމްދަނީ ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރމަހު އެ ކުންފުނީގެ އަމިއްލަ ޗިޕް ބޭނުންކޮށްގެން އަލަށް ފަރުމާކޮށް ނެރުނު މެކްބުކް ޕްރޯ ގެ 2 މޮޑެލަށްވެސް ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ 2021ވަނަ އަހަރު އެޕަލް ކުންފުންޏަށް އާމްދަނީގެ ގޮތުގައި 365.82 ބިލިއަން ޑޮލަރު ލިބިފައިވެއެވެ.