ޚަބަރު

ބަލިޖެހިގެން އިންޑިޔާގައި ބައި މިލިޔަން މީހުން މަރުވެއްޖެ


ކޯވިޑް-19 ޖެހިގެން އިންޑިޔާގައި މަރުވި މީހުންގެ ޢަދަދު 500،000އަށްވުރެ އިތުރުވެއްޖެއެވެ.

ކޯވިޑް-19 ޖެހިގެން ދުނިޔޭގައި ހަތަރުވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިންޑިޔާގައެވެ. ބަލިޖެހިގެން އެ ޤައުމުގައި 400،000 މީހުން ރެކޯޑުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެ ދުވަސްވަރު އެ ޤައުމުގައި ކޯވިޑް-19ގެ ނުރައްކާތެރި ވައްތަރެއްކަމަށްވާ ޑެލްޓާ ހަލުވިކަމާއެކު ފެތުރިފައިވެއެވެ.

ޞިއްޙީ ތަޖުރިބާކާރުން ބުނާ ގޮތުގައި އިންޑިޔާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދާއި ބަލިޖެހިގެން މަރުވި މީހުންގެ ޢަދަދު ރަސްމީ ޢަދަދުތަކަށްވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް ބެލެވެއެވެ. އެ ގޮތުން އިންޑިޔާގެ އަޙްމަދުއާބާދުގައި ހުންނަ އިންޑިޔަން އިންސްޓިޓިޔުޓު އޮފް މެނޭޖުމަންޓުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި އެ ޤައުމުގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދުވަނީ 2021ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ތިން މިލިޔަން ފަހަނައަޅައިފައެވެ. ނަމަވެސް އިންޑިޔާގެ ސަރުކާރުންވަނީ އެ ދިރާސާ ޞައްޙަ ނޫންކަމަށް ކަނޑައަޅައިފައެވެ.

އިންޑިޔާގައި ބަލިޖެހޭ މީހުންނާއި ބަލިމަޑުކަމުގައި މަރުވާ މީހުންގެ މަޢުލޫމާތުތައް އެއްކުރަނީ އެ ޤައުމުގެ ސުޓޭޓުތަކުގެ ސަރަޙައްދީ ސަރުކާރުތަކުންނެވެ. ނަމަވެސް އިދާރީ މައްސަލަތަކުގެ ސަބަބުން އެފަދަ މަޢުލޫމާތުތައް އެއްކުރުމުގައި ގިނަ ފަހަރަށް ބޮޑެތި ލަސްތަކެއް ހުންނަކަމަށް ސަރަޙައްދީ ސަރުކާރުތަކުންވަނީ ބުނެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި ބަލިޖެހިގެން 1,072 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރެއިން 335 މީހުން މަރުވެފައިވަނީ ކެރަލާއިންނެވެ. އިންޑިޔާގައި ބަލިޖެހިގެން މަރުވި 500،000 މީހުންގެ ތެރެއިން %11 މީހުން މަރުވެފައިވަނީ ކެރަލާއިންނެވެ. އެ ޤައުމުގައި ޖުމުލަ 42 މިލިޔަން މީހުންނަށްވަނީ ބަލިޖެހިފައެވެ.