ޚަބަރު

ވޯޓު ގުނާނީ އެންމެންގެ ހާޒިރުގައި، އިންތިޚާބަށް ފުރިހަމައަށް ތައްޔާރު: އިލެކްޝަންސް


މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށާއި، މިއިންތިޚާބުތަކަކީ އަމާންކަމާއިއެކު ކުރިއަށް ގެންދެވޭނެ އިންތިޚާބުތަކަކަށް ވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މާދަމާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލްކްޝަނާއި ތ.ވިލުފުއްޓާއި ގއ.ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ކުރިއަށްދާނެއެވެ.

އިންތިޚާބުތަކަށް އިލެކްޝަންސް ކޮމިޝަނުން ވެފައިވާ ތައްޔާރީތަކާއި ގުޅޭގޮތުން ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، އިންތިޚާބު ބާއްވާ ރަށްތަކަށް ފޮނުވަންޖެހޭ އެންމެހައި ތަކެއްޗާއި، އޮފިޝަލުންވެސް މިހާރު އެރަށްރަށަށް ގޮސްފައިވާކަމަށެވެ.

މިއިންތިޚާބުތަކުގެ ތެރެއިން ކޮމަންޑޫ ދާއިރާގައި އޮންނަ ވޯޓަކީ އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓޭނެ އިންތިޚާބަށްވުމުން މިއިންތިޚާބުގައި ބެހެއްޓޭ ވޯޓު ފޮށިތަކުގެ އޮފިޝަލުންނަކީ ސީދާ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރުވާނީ ކޮމިޝަނުން ވާންޖެހޭ އެންމެހައި ތައްޔާރީތައް ވެފަ. ކޮމިޝަނުން އިންތިޚާބުގައި ވޯޓުލުމުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށް، ރަށްތަކަށް ފޮނުވަންޖެހޭ ތަކެއްޗާއި އޮފިޝަލުންވެސް މިހާރުވާނީ ގޮސްފަ. އިންތިޚާބުގައި ވޯޓުލާ ސަރަހައްދުތައް މިއަދު ހަވީރުން ފެށިގެން ތައްޔާރު ކުރެވިގެންދާނެ. ޒަކަރިއްޔާ ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ކޮންމެ އިންތިޚާބެއްގައިވެސް ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ގެންދާ އުސޫލުން މިއިންތިޚާބުތަކުގައިވެސް ވޯޓު ގުނުން ކުރިއަށްދާނީ، ވޯޓުލާ މަރުކަޒަށް ވަންނަން ބޭނުންވާ ކޮންމެ މީހަކަށް އެޖާގަ ދީގެންކަމަށެވެ. ނަމަވެސް އިންތިޚާބުގައި ކުރިމަތިލާ ކެނޑިޑޭޓުންނާއި، ކެނޑިޑޭޓުންގެ މަންދޫބުންނާއި، ސިޔާސީ ޕާޓީތަކުގެ އޮފިޝަލުންނާއި، މީޑިއާތަކަށް ވޯޓު ގުނާ ސަރަހައްދަށް ވަނުމަށް އިސްކަން ދެވޭނެކަމަށެވެ.

ކޮންމެ ރަށެއްގެވެސް ނަތީޖާ އެރަށަކުން އިއުލާން ކުރުމަށްފަހު، އިންތިޚާބުގެ ޖުމްލަ ނަތީޖާ މާލޭގައި ހުންނަ އިލެކްޝަން ކޮމިޝަންގެ މައި އިދާރާއިން އިއުލާންކުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ބާއްވާ ތިން އިންތިޚާބުގެ ތެރެއިން އެންމެ ފޯރީގައި ކެމްޕެއިން ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ހަރަކާތްތަކާއި ގުޅޭގޮތުން ޒަކަރިއްޔާ ވިދާޅުވީ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތީން މިއަދު އިރުއޮއްސި 6 އިން ފެށިގެން ކެމްޕެއިންގެ އެއްވެސް ހަރަކާތެއް އެއްވެސް ބޭފުޅަކު ހިންގުމަކީ ޤާނޫނީ ކުށެއްކަމަށެވެ. އެކަން އެގޮތަށް ނުކުރުމަށް ޒަކަރިއްޔާ ވަނީ ހުރިހާ ބޭފުޅުންނަށް އިލްތިމާސް ކުރައްވާފައެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓުލުން ކުރިއަށްދާއިރު، އިންތިޚާބާގުޅޭ ޝަކުވާ ނުވަތަ މައްސަލަ ހުށަހަޅަން ބޭނުންވެއްޖެ ހިނދެއްގައި، އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސައިފައެވެ. މާދަމާ ބާއްވާ ތިން އިންތިޚާބުގައިވެސް ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު 4 ޖަހަންދެނެވެ. މެންދުރުފަހު 3 އިން ފެށިގެން ވޯޓުލުމަށް ޚާއްސަ ކޮށްފައިވަނީ ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި، ކަރަންޓީނުގައި ތިބޭ މީހުންނަށެވެ.