ދުނިޔެ

ވިލާތަށް ރެފިއުޖީން ވަންނަ އަދަދު މަދުކުރަން ޖެހޭ - މާރކެލް


ވިލާތުގެ ގައުމުތަކަށް އެތެރެވަމުންދާ ރެފިއުޖީންގެ އަދަދު މަދުކުރުމަށް ޖަރުމަނުވިލާތުން ބޭނުންވާ ކަމަށް އެގައުމުގެ ޗާންސެލަރ އެންގެލަރ މާރކެލް ވިދާޅުވެއްޖެއެވެ.ޖަރުމަނުވިލާތުގައި ހުންނަވައި، ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޗާންސެލަރ މާރކެލް ވިދާޅުވީ، ރެފިއުޖީން އެތެރެވަމުންދާ އަދަދު މަދުކުރަން ޖެހޭނީ ވިލާތުގެ ގައުމުތަކުގެ ސަރަހައްދީ ރޮނގުތައް ބަންދުނުކޮށް ކަމަށެވެ. މާރކެލް ވިދާޅުވީ ރެފިއުޖީންގެ މައްސަލައަށް ހަރުދަނާ ހައްލެއް ހޯދުމަށް ޤައުމީ ފެންވަރުގައި ވިލާތުގެ ޤައުމުތަކަށް އެޅޭނެ ފިޔަވަޅުތައް އެބަހުރި ކަމަށާއި މިފަދަ ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށެވެ.އަދި ރެފިއުޖީންގެ މައްސަލައަށް ހައްލެއް ހޯދުމުގެ ތެރޭގައި ވިލާތުގެ އިއްތިހާދުގެ ގައުމުތަކަށް ވަދެ ނިކުތުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިގެން ނުވާނެ ކަމަށް ވެސް ޖަރުމަނު ޗާންސެލަރ ވިދާޅުވިއެވެ. މާރކެލް މިހެން ވިދާޅުވެފައި މިވަނީ ޖަރުމަނުވިލާތުން ސުވިޑަންއާއި ޑެންމާކަށް ވަދެވެން އަޮންނަ މަގުގެ ސަލާމަތީ ކަންކަން މިދެޤައުމުން ހަރުކަށި ކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ޖަރުމަނުވިލާތަށް 33,000 ރެފިއުޖީން ވަނީ އެތެރެވެފައެވެ.