ޚަބަރު

މުޅިން އައު 26 ހޮސްޕިޓަލެއްގެ މަސައްކަތް މިއަހަރުގެ ތާވަލުގައި


ރާއްޖޭގެ ސިއްޙީ ނިޒާމު ފުޅާކުރުމަށް އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރަންޖެހެއެވެ. މިމަސައްކަތްކުރުމަށް ސަރުކާރުން މިއަހަރު މުޅިން އަލަށް އެތައް މަޝްރޫޢެއް ޢިއުލާންކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލީ އެހީ ދޭ އެކި ފަރާތްތަކާއި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާއި ހަމައަށް، ހަމައެކަނި ޢުމްރާނީ ތަރައްޤީގެ 28 މަޝްރޫއު މިއަހަރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވަނީ މިނިސްޓްރީގެ ދަށުން މިއަހަރު ސިއްޙީ ދާއިރާއިން ޙާސިލުކޮށްފައިވާ އަދި ޙާސިލްކުރުމަށް މަސައްކަތްކުރަމުންދާ ގިނަ މަޝްރޫޢުތަކެއްގެ މަޢުލޫމާތު ހިއްސާކޮށްދެއްވާފައެވެ. ހެލްތު މިނިސްޓްރ ވިދާޅުވީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި މިހާރު ބޮޑެތި އޮޕަރޭޝަންތައް ކުރަމުން އަންނަކަމަށެވެ. އަދި އަތޮޅުތެރޭގެ ސިއްޙީ ފަރުވާދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ކަންކަން ހަމަކުރުމަށް އަބަދުވެސް މަސައްކަތް ކުރެވެމުން ދާކަމަށާއި، އެކަމުގެ ނަތީޖާއެއްގެގޮތުން ސިއްހީ ހިދުމަތް ހޯދަން މާލެއަށް އައުން މަދުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ޤާއިމުކުރާ ޓަރޝިއަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތެވެ. އެގޮތުން މިއަހަރުގެ މެދެއްހާ ހިސާބުގައި ޓަރޝިއަރީ ހޮސްޕިޓަލްތައް ސްޕެޝަލިސްޓުންގެ ޚިދުމަތާއެކު ފަށައިގަނެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހުރިހާ ހޮސްޕިޓަލްތަކުގައިވެސް ޢާއްމު ހުރިހާ ބަލިތަކަކަށް ފަރުވާދެވޭނެ. ސްޕެޝަލިޓީގެ ހުރިހާ ޚިދުމަތެއް ނުހުރެދާނެ. އެހެންނަމަވެސް ކައިރި ޓަރޝިއަރީ ހޮސްޕިޓަލުން އެހުރިހާ ޚިދުމަތެއްވެސް ލިބޭނެ ގޮތަށް ނިޒާމު މިބައްޓަންކުރަނީ. ދުނިޔޭގެ އެއްވެސް ޤައުމަކުން މިވަރަށް މިފަދައިން ޚިދުމަތް ޤާއިމުކުރުމަށް ޚަރަދެއްނުކުރާނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރަށް ރޭވިފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުން ހެލްތު މިނިސްޓަރ ވިދާޅުވީ ކުވޭތުފަންޑުގެ އެހީގައި ހދ.ހަނިމާދޫ، ށ.މިލަންދޫ، ނ. ވެލިދޫ، އދ.މާމިގިލީ، ކ.ތުލުސްދޫ، އއ.ފެރިދޫ، ތ. ވިލުފުށި، އއ.ރަސްދޫ އާއި ފުވައްމުލައް ސިޓީގައި 30 އެނދުގެ ހޮސްޕިޓަލްތައް އެޅުމަށާއި ހދ.ކުޅުދުއްފުޓާއި ގދ.ތިނަދޫގައި 50 އެނދުގެ ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާކަމަށެވެ. މިމަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ބޭނުންވާ ބިންވެސް ކައުންސިލްތަކުން މިނިސްޓްރީއަށް ދޫކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ހއ.އަތޮޅާއި ނ. އަތޮޅާއި ޅ.އަތޮޅުގައިވެސް ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެތެރެއިން ނ.މަނަދޫގައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށާއި ކެނދިކުޅުދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިންޑިއަން އެގްޒިމް ބޭންކްގެ ލޯނު އެހީގައި ރ.އަލިފުށީ، ދ.ކުޑަހުވަދޫ، ހއ.ދިއްދޫ އާއި ގއ.ވިލިނގިލީގައި ހޮސްޕިޓަލް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރެއިން އަލިފުށި ފިޔަވާ އެހެން ހުރިހާ ރަށެއްގައި އަޅަނީ 50 އެނދުގެ ހޮސްޕިޓަލެވެ. އަލިފުށީގައި އަޅަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

ޑޮއިޗޭ ބޭންކްގެ ލޯނު އެހީގެ ދަށުން ލ.ގަމުގައި 100 އެނދުގެ ޓަރޝިއަރީ ހޮސްޕިޓަލަކާއި ގދ. ގައްދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާއިރު ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ރ.މީދޫއާއި ބ.ތުޅާދޫ އަދި ހއ.ހޯރަފުށީގައި 30 އެނދުގެ ހޮސްޕިޓަލް އެޅުމަށްވަނީ ނިންމާފައެވެ. އަދި ށ.ފުނަދޫގައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ.

ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކާ ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށްވެސް ސަރުކާރުން އަންނަނީ އެކި މަޝްރޫޢުތައް ހިންގަމުންނެވެ. އެގޮތުން ވޯލްޑް ބޭންކްގެ އެހީގައި ރާއްޖޭގެ 3 ސަރަޙައްދެއްގައި ވެކްސިން ރައްކާކުރާ މަރުކަޒުތައް ޤާއިމުކުރުމަށްވެސްވަނީ ހަމެޖެހިފައެވެ. އެގޮތުން އުތުރާއި ދެކުނުގެ އިތުރުން ހުޅުމާލޭގައި މިފަދަ މަރުކަޒު އެޅުމަށްވަނީ ނިންމާފައެވެ. އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ އެހީގައި ނޭޝަނަލް ހެލްތު ލެބޯޓަރީއެއް ތަރައްޤީކުރުމަށްވެސްވަނީ ހިމަނާފައެވެ.