އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލުގެ ފަހު ޖާގަ މިސްރުން ހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުގެ ފަހު ޖާގަ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ މިސްރުން ކަށަވަރު ކުރީ ރޭ ކުޅުނު ސެމީ ފައިނަލްގައި މުބާރާތް ބާއްވާ ޤައުމު، ކެމެރޫން އާއި ވާދަކޮށް މޮޅުވެގެންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ކުރި ނުހޯދުމުން އިތުރު ވަގުތު ދެހާފްގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި މިސްރު ކުރި ހޯދީ 3 ލަނޑު އެއްލަނޑުންނެވެ. މިމެޗްގެ ޕެނަލްޓީ ޝޫޓް އައުޓްގައި މިސްރުގެ ތަރިއަކަށް ވީ، އެޓީމުގެ ކީޕަރު ގަބަސްކީއެވެ. އޭނާ ވަނީ ކެމެރޫންއަށް ނާކާމިޔާބުވި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ މަތަކޮށްފައެވެ.
މިމެޗްގެ ފުރިހަމަ ވަގުތުގައި ރަނގަޅަށް ކުޅުނުތަން ފެނިގެންދިޔައީ ކެމެރޫންއެވެ. މިގޮތުން އެޓީމުން ފޮނުވާލި ނުރައްކާތެރި ދެ ހަމަލައެއް ވަނީ މިސްރުގެ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ. އަދި މިމެޗްގައި މިސްރުގެ ތަރި މުހައްމަދު ސަލާހް ފެނިގެންދިޔައީ ވަރަށް ބޮޑަށް މާކް ކުރެވި ކުޅުމުގެ ތެރެއަށް އެހާބޮޑަށް ނުވަދެވިގެން އުޅުނު ތަނެވެ. އަދި ކެމެރޫންގެ ޑިފެންސަށް ހެދުނު ގޯހެއްގެ ސަބަބުން ސަލާހަށް ލިބުނު ހަމައެކަނި ފުރުސަތުގައި ފޮނުވާލި ހަމަލާވެސް ދިޔައީ ބޭރަށެވެ. އަދި ޕެނަލްޓީ ޝޫޓް އައުޓްގައިވެސް އޭނާއަށް ޕެނަލްޓީ ޖަހަން ނުޖެހި ވަނީ މެޗް ކާމިޔާބު ކުރެވިފައެވެ. މިމެޗްގެ 90 މިނެޓްގެ ކުޅުން ހަމަވާން އުޅެނިކޮށް މިސްރުގެ ކޯޗް ކާލޯސް ކުއިރޯޒް ވަނީ ރެފްރީއަށް މާބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރުމާއި ގުޅިގެން ބެންޗުން ފޮނުވާލާފައެވެ. އަދި އޭނާގެ އެސިސްޓަންޓް ވައެލް ގޯމާއަށް ވެސް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. އެހެން ކަމުން އަންނަ އާދީއްތަ ދުވަހު ކުޅޭ ފައިނަލް މެޗްގައި މިސްރުގެ ކޯޗާއި އެސިސްޓަންޓް ކޯޗަށްވެސް ބެންޗުގައި އިނުމުގެ ފުރުސަތެއް ނޯންނާނެއެވެ. އެއީ ގޯމާއަށް މޮރޮކޯ އާއި ދެކޮޅަށް ކުޅުނު ކުއާޓަރ ފައިނަލް މެޗްގައިވެސް ރީނދޫ ކާޑެއް ދައްކާފައިވުމުންނެވެ.
މިސްރު ފައިނަލަށް ދިއުމާއެކު ފައިނަލްގެ ފޯރި މިވަނީ އިތުރަށް ގަދަވެފައެވެ. އެންމެ ބޮޑު އެއް ސަބަބަކީ އިންގްލިޝް ޕްރިމިއަރ ލީގުގެ ލިވަޕޫލްގެ ދެފޯވަޑުން ކަމަށްވާ ސާޑިއޯ މާނޭ އާއި މުހައްމަދު ސަލާހްގެ ކުރިމަތިލުމަކަށް މިފައިނަލް ވާނެތީއެވެ. އަދި ވާރލްޑް ކަޕްގެ ޕްލޭ އޮފްގައި މިދެޓީމް ބައްދަލުކުރަން ޖެހިފައިވަނިކޮށް ފައިނަލްގައި ވާދަކުރަންޖެހުން މިއީވެސް މިމެޗްގެ ފޯރި އިތުރަށް ގަދަވާނެކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
އެހެންކަމުން މިމެޗް ވާނީ ކުރިއަށް އޮތް ދެމަސްތެރޭ މިދެޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗްގެ ތެރެއިން ފުރަތަމަ މެޗަށެވެ.
މިމުބާރާތުގެ ތިންވަނަ ހޮވާ މެޗްގައި މާދަމާ ރޭ ވާދަކުރާނީ ކެމެރޫން އާއި ބުރުކީނަ ފާސޯއެވެ.