"އެގްރޯނެޓް" ކުންފުނިން 163 ދަނޑުވެރިއެއްގެ އުފެއްދުން މާކެޓްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ ދަނޑުވެރިންގެ ކުރިއެރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަފާއެވެ.
އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ރައީސް ސާލިހުގެ ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ. މި ކުންފުނި އުފެއްދީ 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. އެއީ ކޯވިޑްގެ އެންމެ ދަތި އުނދަގޫ ދަނޑިވަޅުގައި ދަނޑުވެރިންނަށް އެހީތެރިވުމަށެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ސާލިހު ވިދާޅުވީ، ދިވެހި އިޤްތިޞާދު ސިންދަފާތު ކުރުމުގެ ލިސްޓްގެ އެންމެ ކުރިއަށް ސަރުކާރުންލާފައިވަނީ ދަނޑުވެރިކަންކަމަށެވެ. ޢަދި އެގްރޯނެޓްގެ ނަމުގައި ކުންފުންޏެއް މި ސަރުކާރުން އުފެއްދީވެސް މި ބޭނުމުގައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެގްރޯނެޓުން ރާއްޖޭގެ 68 ރަށެއްގައި ދަނޑުވެރިންނާއިއެކު މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ 163 ދަނޑުވެރިއަކު ހައްދާ ތަކެތި އެގްރޯނެޓުން ގަނެ އެތަކެތި މާކެޓްކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
"އެގްރޯނެޓްގެ ފަރާތުން ރާއްޖޭގެ 68 ރަށެއްގެ 704 ދަނޑުވެރިޔަކާއެކު ސޮއިކުރެވިގެން ކޮންޓްރެކްޓް ފާމިންގެ މަސައްކަތްދަނީ ހިންގަމުން. އޭގެ ތެރެއިން 163 ދަނޑުވެރިއެއްގެ އުފެއްދުންތައް ގަނެ މާރކެޓަށް ނެރެމުން އެބަގެންދޭ. މިއީ ފަށައިގަތުމެއް ކަމަށްވާއިރު ކާމިޔާބު މަސައްކަތަކަށް މިކަންވެ، އޭގެ ނަތީޖާ ރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށް ލިއްބއިދެވޭނެކަމުގެ އުންމީދު މިހާރު އާވެއްޖެ." ރައީސް ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެސް.އެމް.އީ. ބޭންކް މެދުވެރިކޮށް އަންނަނީ ދަނޑުވެރިންނަށް ލޯނުވެސް ދޫކުރަމުންނެވެ. ރައީސް ވިދާޅުވީ، އެސްއެމްއީ ބޭންކް މެދުވެރިކޮށް މިހާތަނަށް ދަނޑުވެރިކަމަށް 16.3 މިލިއަން ރުފިޔާގެ ލޯންވަނީ ދޫކުރެވިފައިވާކަމަށެވެ. އަދި ފަސޭހައިން ރާއްޖޭގައި އުފެއްދޭނެކަމުގެ ޔަޤީންކަން ލިބޭ ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ، ކުރިއަށް އޮތްތަނުގާ ބޮޑުކުރައްވާނެކަމަށެވެ. މީގެ ބޭނުމެއްކަމަށް ރައީސް ވިދާޅުވީ، ދިވެހި އުފެއްދުން އިތުރުކޮށް ނަފާ ހޯދުމުގެ ފުރުޞަތު ދިވެހި ދަނޑުވެރިންނަށް ލިއްބައިދިނުމެވެ.
އެގްރޯނެޓްއާއެކު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން މާކެޓް ކުރެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާފައިވާއިރު، ދަނޑުވެރިކަމުގެ މަސައްކަތަށް އެތެރެކުރާ ބައެއް ތަކެތިން ޑިއުޓީ މައާފްކޮށް، ބައެއް ތަކެތިން ވަނީ ޑިއުޓީ ކުޑަކޮށްފައެވެ. މިކަމުގެ ސަބަަބުންވެސް ދަނޑުވެރިންނަށް ލިބޭ ނަފާ ވަނީ އިތުރުވެފައެވެ.