ކުޅިވަރު

ފަހަތުން އަރާ ވެލެންސިޔާއިން މަހިބަދޫގެ މައްޗަށް ކުރި ހޯދައިފި


ޔޫތު ޗެމްޕިއަންޝިޕްގައި ފަހަތުން އަރާ މަހިބަދޫ ސްޕޯޓްސް ކުލަބް ބަލިކޮށް ކުލަބް ވެލެންސިޔާއިން މުބާރާތް މޮޅަކުން ނިންމާލައިފިއެވެ. އެފްއޭއެމްއިން 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒްކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި މިރޭގެ މެޗަށް ވެލެންސިޔާ އާއި މަހިބަދޫ ސްޕޯޓްސް ކުލަބް ނިކުތްއިރު، މި ދެޓީމް ވަނީ މުބާރާތުން ކަޓާފައެވެ. މިމެޗް ވެލެންސިޔާއިން ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ.

މިމެޗްގެ ވަރަށް ކުރީކޮޅުގައި މަހިބަދޫއިން ވަނީ ލީޑް ނަގާފައެވެ. މިލަނޑު މެޗްގެ 6ވަނަ މިނެޓްގައި މަހިބަދޫއަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިޝްހާމެވެ. މަހިބަދޫއިން ލީޑް ފުޅާކޮށްފައިވަނީ މެޗްގެ 10ވަނަ މިނެޓްގައެވެ. އެޓީމަށް ލިބުނު ޕެނަލްޓީއަކުން މިލަނޑު ކާމިޔާބުކޮށްދިނީ ހަސަން ނާއިމެވެ. މިއީ ވެލެންސިޔާގެ ކީޕަރު މުޙައްމަދު އަތޫފް ރިފާއު، އޭރިޔާގެ ތެރެއިން މަހިބަދޫގެ އިޝްހާމަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މެޗްގައި މަހިބަދޫއިން ދެ ގޯލްގެ ލީޑެއް ނެގުމާއެކު، ވެލެންސިޔާއިން ކުޅުން ރަގަނޅުކޮށް، ގޯލެއް ޖެހުމަށް މަސައްކަތް ކުރަންފެށިއެވެ. އެގޮތުން މެޗްގެ 14ވަނަ މިނެޓްގައި ވެލެންސިޔާގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ފާސިރެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެލެންސިޔާއިން ވަނީ ގޯލެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު މެޗްގެ 44ވަނަ މިނެޓްގައި ވެލެންސިޔާއަށް ކާމިޔާބުކޮށްދިނީ އަހުމަދު ރާހިމް ރަޝީދުއެވެ.

މެޗްގެ ފުރަތަމަ ހާފްގެ ވަރަށް ކުރީކޮޅުގައި މަހިބަދޫއިން ގޯލަކުން މެޗްގެ ފެށިއިރު، މެޗްގެ ދެވަނަ ހާފްގައި ކުލަބް ވެލެންސިޔާއިން ވަނީ ވަރަށް ކުރީކޮޅުގައި ގޯލެއް ޖަހާ، މެޗްގައި ފުރަތަމަ ފަހަރަށް ލީޑް ނަގާފައެވެ. މިލަނޑު މެޗްގެ 4ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެލެންސިއާގެ ކެޕްޓަން އާމިން އުމަރު މޫސާއެވެ. މިލަނޑަށް ފަހުވެސް ވެލެންސިޔާއަށް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އަދި ވެލެންސިޔާގެ ކުރިއަށް ކުޅޭ ޢަބްދުﷲ ފާސިރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މެޗްގެ 55ވަނަ މިނެޓްގައި ޢަބްދުﷲ ފާސިރު، މަހިބަދޫގެ ގޯލް ކީޕަރުގެ ކައިރިން ނައްޓާލުމަށްފަހު، ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަވަނީ ގޯލްގެ ރޮގުމަތިން ކަހަލަ ގޮތަކަށް، މަހިބަދޫގެ ޑިފެންޑަރުން ދިފާޢުކޮށް ބޭރުކޮށްލާފައެވެ. މެޗްގެ ފަހުކޮޅުގައި މަހިބަދޫއިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް މަހިބަދޫއަށް ވަނީ ވެލެންސިޔާގެ ގޯލް ތިންވަނަ ފަހަރަށް ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ.

ހަތަރު ޓީމު ވާދަކުރި ގްރޫޕް ބީގެ މެޗުތައް ރޭ ނިމުނުއިރު، މި ގުރޫޕްގެ އެއްވަނައިގައި އޮތީ 7 ޕޮއިންޓާއެކު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އެވެ. 2ވަނަ ލިބުނު ޓީސީއަށް 6 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ވެލެންސިއާއަށް 3 ޕޮއިންޓް ލިބިފައިވެއެވެ. މި ގުރޫޕްގެ އެންމެ ފުލުގައި އޮތް މަހިބަދޫއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.