ވިޔަފާރި

ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް މީރާގެ ޚިދުމަތް ލިބޭނެ ގޮތް ހަދަނީ


2016 ވަނަ
އަހަރު ނިމޭއިރު ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް މޯލްޑިވްސް އިންލެންޑް ރެވެނިއު
އޮތޯރިޓީގެ ޚިދުމަތް ލިބޭގޮތަށް، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިރާގެ ޚިދުމަތް ދެއްވޭނެ
އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އެއޮތޯރިޓީން
ހާމަކުރައްވައިފިއެވެ.



ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް
އިންލެންޑް ރެވެނިއު އޮތޯރިޓީން ދެމުންދާ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން
ފާއިތުވި 2015 ވަނަ އަހަރުވެސް މީރާގެ ބްރާންޗުތަކާއި، އޮފީސްތަކާއި، ކަލެކްޝަން
ސެންޓަރުތަކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާފައިވާކަމަށް އެއޮތޯރިޓީން
ވިދާޅުވެއެވެ.



މި މަސައްކަތް އިތުރަށް ފުޅާކޮށް
މިއަހަރު ނިމުމުގެ ކުރިން ކޮންމެވެސް ސިފައެއްގައި މީރާގެ ޚިދުމަތް ރާއްޖޭގެ
ކޮންމެ ހިސާބަކުންވެސް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ކޮންމެ
އަތޮޅެއްގައި މީރާގެ އޮފީހެއް ނުވަތަ ބްރާންޗެއް ޤާއިމްކުރައްވާނެކަމަށް
އެއޮތޯރިޓީން ހާމަކުރައްވައެވެ.



މީރާގެ ޚިދުމަތް މިހާރުވެސް
ރާއްޖޭގެ ބައެއް ހިސާބުތަކުން ލިބެމުންދެއެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުން
ހދ އަތޮޅުގައި، އަދި އެންމެ ދެކުނުން އައްޑޫސިޓީ
ގެ އިތުރުން ރާއްޖޭގެ ހަ އަތޮޅެއްގައި މީރާގެ ޚިދުމަތް ލިބޭނެހެން އޮފީސްތަކެއް
ޤާއިމްކޮށްފައިވެއެވެ. 

މީރާގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް
ފަށާފައިވާއިރު އަތޮޅު ތަކުގައި މީރާގެ އޮފީސްތަކެއް ޤާއިމްކުރުމުގެ އެންމެ ބޮޑު
ބޭނުމަކީ މީރާ ކޮމްޕްލެއިން ޚިދުމަތާއި، އޮޑިޓްފަދަ ޚިދުމަތްތައް އަތޮޅުތަކުގައި
ޤާއިމްކުރާ ސެންޓަރުތަކުން ލިބޭނެ މަގުފަހިކުރުންކަމަށް މީރާއިން ބުނެއެވެ. އެގޮތުން އޮންލައިންކޮށް ހުރިހާ ޚިދުމަތެއް ލިބޭނެހެން ޚިދުމަތްތައް
އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށްވެސް މީރާއިން ވިދާޅުވެއެވެ.
މީގެ ތެރޭގައި މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކުރެއްވުމުގެ މަސައްކަތްވެސް
ކުރިއަށްދާކަމަށް މީރާއިން މައުލޫމާތުދެއްވައެވެ.