ވިޔަފާރި

ސަރުކާރުން މިހާތަނަށް 741 ވިޔަފާރިއަކަށް އެސްއެމްއީ ލޯނު ދޫކޮށްފި


މި ސަރުކާރުން ކުދި ފަންތިއާއި މެދު ފަންތީގެ 741 ވިޔަފަރިއަކަށް ލޯނުދޫކުރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ޤައުމެއްގެ އިޤްތިޞާދުގެ މައި ބަދައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްކަމަށެވެ. އަދި އާމްދަނީއެއް ލިބޭނެ އުފެއްދުންތެރި ކޮންމެވެސް މަސައްކަތެއްގައި އުޅޭ ދިވެހިން މިހާރު މުޖްތަމައުގައި ގިނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ދުޅަހެޔޮ ދިވެހި ކުރިމަގަށް އޮތް ވަރަށް ބޮޑު އުންމީދެއްކަމަށެވެ.

ރައީސް ވިދާޅުވީ، ކުރީގެ އާދައަކީ ވިޔަފާރިތައް އުފެދުމަށްފަހު އުވުންކަމަށެވެ. އަދި ވިޔަފާރިއެއް ހުޅުވާފައި މަސްދުވަސްވެސް ޚިދުމަތް ނުދެވޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިކަން މިހެން ދިމާވަނީ އެ ވިޔަފާރިތަކަށް އެހީތެރިވެދޭނެ ގޮތެއްނެތުންކަމަށެވެ. މިކަމަށް ބޭނުންވާ ފުރަތަމަ ފިޔަވަޅު މުޅިން އަލަށް އެޅީ މި ސަރުކާރުންކަމަށާއި، އެއީ އެސްއެމްއީ ބޭންކް ހުޅުވުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެސްއެމްއީ ބޭންކް ފުޅާކުރަން ބޭނުންވާ މިންވަރަށް އަދި ފުޅާނުކުރެވޭކަމަށެވެ. ނަމަވެސް މި ބޭންކް މެދުވެރިކޮށް މިހާތަނަށް ގިނަ ވިޔަފާރިތަކެއް ފަށައި ކުރިއަރަން އެހީތެރިވެދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ 144 ރަށެއް ހިމެނޭގޮތުން 741 ވިޔަފާރިއަކަށް ލޯނު ދޫކޮށްފައިވާކަން ރައީސް ވިދާޅުވިއެވެ.

"އެދޭ މިންވަރާ ގާތަށްވެސް މިކަން އަދި ފުޅާވެގެންނެއް ނުދޭ. އެހެން ނަމަވެސް މިހާތަނަށް 741 ވިޔަފާރިއަކަށް 739 މިލިއަން ރުފިޔާގެ މިދެންނެވި ލޯންއެހީ ވަނީ ދޫކުރެވިފައި. އެއީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 144 ރަށެއްގާ ކުދި ވިޔަފާރި ހިންގޭނެ ގޮތުން ދޫކުރި ލޯން އެހީތަކެއް" ރައީސް ވިދާޅުވިއެވެ.

އެސްއެމްއީ ބޭންކުން ދޫކުރާ ލޯނުގެ 25 އިންސައްތަ ޚާއްޞަ ކޮށްފައިވަނީ އަންހެނުންނާ ޒުވާނުންނާ ނުކުޅެދުންތެރިކަން ހުރި މީހުންނަށެވެ. ދައުލަތް ހިންގުމާއި، ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ މައިދާނުގައި އަންހެނުން ބާރުވެރިނުވެ ދައުލަތް ބާރުވެރިނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެސްއެމްއީ ބޭންކު އުފެއްދީ 18 މާރިޗު 2019 ގައެވެ. އެސްއެމްއީ ބޭންކު ވުޖޫދުވުމުގެ ކުރިން ރާއްޖޭގައި ހިންގާ ބޭންކުތަކުން ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމަށް ދަތިތަކެއް ހުއްޓެވެ. ނަމަވެސް އެސްއެމްއީ ބޭންކާއިއެކު މި ވިޔަފާރިތަކަށް ފައިނޭންސް ހޯދުމަށް ފަސޭހަތަކެއް ލިބިގެންދިޔައެވެ.