ވިޔަފާރި

އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުން: ރައީސް


އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ކޯވިޑް19އާއެކު ސަރުކާރަށް ނަގަންޖެހުނު އެންމެ އުނދަގޫ އެއް ނިންމުމަކީ ރާއްޖޭގެ މައި ދޮރާށި ފަތުރުވެރިންނަށް ބަންދުކުރަންޖެހުމެވެ. ގިނަ ބައެއްގެ ފާޑުކިޔުމާއެކުވެސް ސަރުކާރުން އެއިރު ވަނީ މި އުނދަގޫ ނިންމުން ނިންމާފައެވެ. 2020 ވަނަ އަހަރުގެ މާރޗް 27ގައި ރާއްޖޭގެ ބޯޑަރު ވަނީ ފުރަތަމަ ފަހަރަށް ބަންދުކޮށްފައެވެ. އަދި ބޯޑަރު އަލުން ފަތުރުވެރިންނަށް ހުޅުވާލާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމަކީވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ނެންގެވި އުނދަގޫ، އެހެންނަމަވެސް ރަނގަޅު ނިންމުމެއްކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ހުސްވި 2021 ވަނަ އަހަރު ނިމިދިޔައީ ރާއްޖޭގެ ފަތުރުވެރިކަން ހިފި އަމާޒަށްވުރެވެސް މަތިން ހާސިލްކުރެވިގެންކަމަށެވެ. 2021ވަނަ އަހަރަށް ސަރުކާރުން އަމާޒު ހިފީ އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. ނަމަވެސް، އެއަހަރު ރާއްޖެއަށް ޖުމްލަ 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާތަރްކޮށްފައެވެ.

ރައީސް ވިދާޅުވީ، މިއަހަރު ރާއްޖޭގެ އަމާޒުހުރީ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށްކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެތީ މިއަހަރު މުޅި ދުނިޔެއިން އެންމެ ބާރަށް ކުރިއަރާނެ 5 އިޤްތިޞާދުގެ ތެރޭގައިވެސް އައިއެމްއެފްއިން ވަނީ ރާއްޖެ ހިމަނާފައިކަމަށް ރައީސް ވިދާޅުވިއެވެ.

"އައި.އެމް.އެފް އިން ލަފާކުރާ ގޮތުގާ މިހިނގާ 2022 ވަނަ އަހަރުވެސް އެންމެ ބާރަށް ކުރިއަރާނެކަމަށް ބެލެވޭ މުޅި ދުނިޔޭގެ 5 އިޤްތިޞާދުގެ ތެރޭގައިވެސް ދިވެހިރާއްޖެ ހިމެނޭ. ސަރުކާރުގެ އަންދާޒާ އަކީ މިހިނގާ 2022 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 އިންސައްތައިގެ ކުރިއެރުމެއް ހޯދުން. އަދި މިއަހަރު ޖުމުލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުން." ރައީސް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 109842 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ބޭރުގެ މާކެޓްތަކުގައި އިޝްތިހާރުކޮށް ފަތުރުވެރިކަން ސިންދަފާތުކުރުމަށް މިއަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހު ވަނީ މުޅިން އައު ކޮންސެޕްޓެއްކަމަށްވާ "ހޯމް ސްޓޭ" ފަތުރުވެރިކަންވެސް ތައާރަފްކޮށްފައެވެ. އަދި ފަތުރުވެރިކަމުގެ އެހެން ބާވަތްތައްކަމަށްވާ މައިސް ޓޫރިޒަމް، ސްޕޯޓްސް ޓޫރިޒަމް އަދި ކަލްޗަރަލް ޓޫރިޒަމް ރާއްޖޭގައި ފުޅާކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.