ޚަބަރު

ޓީޗަރުންގެ މުސާރަ 12 ހާހުން 19 ހާހަށް ބޮޑުކުރާނަން: ރައީސް


ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ މޭ މަހުން ފެށިގެން ބޮޑުކޮށްދެއްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއުލާންކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ޤައުމު ބިނާކޮށްދެއްވުމުގެ އެންމެ ބުރަ މަސައްކަތްކުރައްވާ ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެއްވުމުގެ ވަޢުދު ފުއްދަވާއިރު، މުސާރަތައް 50 އިންސައްތައަށްވުރެ ބޮޑުކޮށްދެއްވުމަށް ނިންމަވާފައިވާކަމަށެވެ. އަދި މުސާރަ ބޮޑުވާނީ ހަމައެކަނި ޓީޗަރުންގެ ނޫންކަމަށާއި ސްކޫލްތަކުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނާއި އިދާރީ މުވައްޒަފުންގެ މުސާރަވެސް ބޮޑުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި ތަޢުލީމީ ދާއިރާގައި އޮތް އެންމެ ބޮޑު ޝަކުވާއަކީ ޓީޗަރުންގެ މުސާރަ ކުޑަވުމުގެ ޝަކުވާއެވެ. މިކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ޤައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކަށް އެކަށީގެންވާ އުޖޫރައެއް ލިބެންޖެހޭނެކަމަށެވެ. އެހެންކަމުން އަންނަ މޭއި މަހުން ފެށިގެން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތެއްގެ މުސާރަ ބޮޑުކުރުމަށް އެމަނިކުފާނު ނިންމަވާފައިވާކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

"އަންނަ މޭއި މަހުން ފެށިގެން ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން. މިބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12628 ރުފިޔާއިން 19740 ރުފިޔާއަށް ބޮޑުވެގެން ދާނެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެއް." ރައީސް ވިދާޅުވިއެވެ.

ޓީޗަރުންގެ ފެންވަރު މަތިކޮށް ތަޢުލީމީ ދާއިރާއަކީ ޢިލްމީ ޤާބިލު ބަޔަކު ތިބި ތަނަކަށް ހެދުމަށް މިދިޔަ އަހަރުގެ ތެރޭގައި 4082 ޓީޗަރުންނަށް ބޭނުންވާ ތަމްރީން ދީފައިވާއިރު 20 ޕްރިންސިޕަލަކަށް މާސްޓާސް ފެންވަރަށް ތަމްރީންވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

ތަޢުލީމީ ދާއިރާއަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ތަރައްޤީކުރުމަށް މަސައްކަތްކުރާ ދާއިރާއެކެވެ. އެގޮތުން ދައުލަތުން ކަނޑައަޅާ ބަޖެޓުގައި އެންމެ ބޮޑު ބައެއް ކަނޑައަޅާފައިވާ އެއްދާއިރާއަކީވެސް ތަޢުލީމީ ދާއިރާއެވެ. ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކާ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޓިވެޓް ސެންޓަރުތަކާއި ޓިވެޓް ސެންޓަރާއި ޖޫނިއަރ ކޮލެޖް އަދި ޕޮލިޓެކްނީކް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ބ.އަތޮޅު ފެހެންދޫ ސްކޫލްގެ ދަރިވަރުން ޒަމާނުއްސުރެ ތަޢުލީމު ޙާސިލުކުރުމަށް އުފުލަމުން އައި ބުރައަށް ނިމުމެއް ގެނެސް ސެޓެލައިޓް މެދުވެރިކޮށް ރާއްޖޭގައި ކިޔަވައިދޭ ފުރަތަމަ ސްކޫލަކަށް އެސްކޫލްވަނީ ހަދާފައެވެ.

ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އެކަމަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު މިހާތަނަށް 23 ސްކޫލެއް އެއްދަންފަޅިއަށް މުޅިން އަލަށްވަނީ ބަދަލުކޮށްފައެވެ. އަދި މިދިޔަ އަހަރު 22 ސްކޫލެއްގައި 117 ކްލާސް ރޫމާއި 6 މަލްޓިޕަރޕަސް ހޯލް ޢިމާރާތްވަނީ ކޮށްފައެވެ. އަދި އިތުރު 55 ސްކޫލެއްގައި 473 ކްލާސްރޫމާއި 27 މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިހުރިހާ މަސައްތަކަށް ދައުލަތުގެ ބަޖެޓުން 941 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ ހާމަކުރައްވާފައެވެ.