ކުޅިވަރު

ރާއްޖޭގެ ވޮލީ ކުރިއެރުވުމަށް ރަނޭޝް އެފްއައިވީބީގެ ރައީސާއި ބައްދަލުކުރައްވައިފި


ރާއްޖޭގެ ވޮލީ ކުރިއެރުވުމާބެހޭގޮތުން ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ރަނޭޝް، ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާއާއެކު އެފްއައިވީބީގެ މައި އޮފީހުގައި ބައްދަލުކުރައްވައިފިއެވެ.

އެފްއާއިވީބީގެ ރައީސް ގްރާސާ ވަނީ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށް،ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވާފަ. ގްރާސާގެ ޒިޔާރަތުގެ ތެރެއިން ރާއްޖޭގެ ވޮލީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެގޮތުން ރާއްޖޭގައި ގްރާސާއާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ބީޗް ވޮލީ ކުރިއެރުވުމަށް ފެންވަރު ރަގަނޅު ކޯޗެއްގެ އެހީތެރިކަން ފޯރުކޮށްދީ، ބީޗް ވޮލީބޯލް ޓުއަރގެ ތިން ބައިގެ ތެރެއިން ޗެލެންޖާސްގެ ބައި ރާއްޖޭގައި ހޯސްޓް ކުރަން ރާއްޖެއަށްވަނީ ފުރުސަތު ލިބިފައެވެ. މިމުބާރާތް ރާއްޖޭގައި ކުރިއަށްގެންދާއިރު، ވައިލްޑްކާޑް އެންޓްރީގެ ދަށުން ރާއްޖޭގެ ކުޅުންތެރިންނަށް މިމުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެފްއައިވީބީގެ މައި އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ގްރާސާ ވަނީ ރާއްޖޭގެ ވޮލީގެ ހާލަތު އޮޅުންފިލުވައި، އަދި މިހާރު ރާއްޖޭގައި ބީޗް ވޮލީ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މަޢުލުމާތު ހޯދާފައެވެ. ގްރާސާގެ އެހީއާއެކު މިހާރު ރާއްޖޭގެ ޤައުމީ ބީޗްވޮލީބޯޅަ ޓީމަށްވަނީ ބްރެޒިލްގެ ގައުމީ ބީޗް ވޮލީ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ބީޗް ވޮލީ ކޯޗް ވިނީޝިއަސްއާ އެކު ފަރިތަކުރުންތައް ފަށާފައެވެ. މި އަހަރު ބާއްވަން ތައްޔާރުވަމުން އަންނަ މުބާރާތާއެކު ރާއްޖޭގެ ވޮލީއަށް ގިނަ ކުރިއެރުންތަކެއް އަންނާނެކަމަށް ގްރާސާ ވަނީ މިބައްދަލުވުމުގައި ފާހަގަކޮށްފައެވެ.

ގްރާސާއާއި ބައްދަލުކުރުމުގެ އިތުރުން ވީއޭއެމްގެ ރައީސް ރަނޭޝް ވަނީ އެފްއައިވީބީގެ ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމެންޓުގެ ވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. އަދި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބީޗް ޕްރޯ ޓުއަރގެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.