އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ އެތެރޭގައި އޮންނަ ޕްރޮގްރެސިވް ފެކްޝަނުގެ ނުފޫޒު ވަރަށް ބޮޑަށް ފުޅާވަމުންދާކަން، އެމެރިކާގައި މިހާރު ކުރިއަށްދާ ޕްރައިމަރީ އިންތިޚާބުތަކުގެ ނަތީޖާއިން ހާމަވެއްޖެއެވެ.
އެމެރިކާގެ ޕްރޮގްރެސިވް ވިސްނުން ނިސްބަތްވަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ވާތުފިޔައިގެ ގޮތްޕަށެވެ. އެ ފިކުރުގެ ބޭފުޅުން ތާޢީދުކުރައްވަނީ އިޖުތިމާޢީ ޑިމޮކްރަސީއަށާއި، އިޤްތިޞާދީ އަދި ސިއްޙީ ފަރުވާގެ ހަމަހަމަކަމަށާއި، އަދި ތިމާވެށި ހިމާޔަތްކުރުމުގެ ވަރުގަދަ އިސްލާޙީ ބަދަލުތަކަށެވެ.
ފަލަސްޠީނުގެ ޙައްޤުތައް ހޯދައިދިނުން ސިޔާސީ އެޖެންޑާގެ މައި އަސާސަކަށް ހަދާފައިވާ މި ފެކްޝަނުން ދަނީ އިންތިޚާބުތަކުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުންނެވެ.
މި ޙަރަކާތަށް ތާޢީދުކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ އެކި ފެންވަރުގެ އިންތިޚާބީ މަޤާމުތަކުގައި މިހާރުވެސް 250އަށްވުރެ ގިނަ ޕްރޮގްރެސިވް މެންބަރުން އެބަތިއްބެވިއެވެ.
ޚާއްޞަކޮށް މިއަހަރުގެ ޕްރައިމަރީތަކުގައި، ޑިމޮކްރެޓިކް ޕާޓީގެ ތަޖުރިބާކާރު ކެންޑިޑޭޓުން ބަލިކޮށް، 35 ޕްރޮގްރެސިވް ކެންޑިޑޭޓުން ވަނީ އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްގެ ގޮނޑިތަކަށް ވާދަކުރުމުގެ ފުރުޞަތު ހޯދާފައެވެ. މިއީ ޕާޓީގެ ސިޔާސީ މިސްރާބަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ.
މި އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޑްޓަރމް އިންތިޚާބުގެ ކުރިން ބާއްވާ މި ޕްރައިމަރީތަކުގައި، އަންގާރަ ދުވަހު ލިބުނު އެންމެ އުންމީދީ ނަތީޖާއަކީ މިޝިގަންއިން ސެނެޓަށް ވާދަކުރެއްވުމަށް ޢަބްދުއްރަޙްމާން އަލް-ސަޢީދު ޑިމޮކްރެޓިކް ޓިކެޓު ކާމިޔާބު ކުރެއްވުމެވެ. މީގެ އިތުރުން، ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތު ކުރައްވާ ރަޝީދާ ޠާލިބު، ޑޮނޮވަން މެކިނީ އަދި ވިލިއަމް ލޯރެންސް ވެސް ވަނީ އެބޭފުޅުންގެ ދާއިރާތަކުން ކާމިޔާބީ ހޯއްދަވާފައެވެ.
އިންތިޚާބީ ކާމިޔާބީއަށްފަހު، އަލް-ސަޢީދު ވަނީ ޔަހޫދީ ދައުލަތުން ހިންގަމުންދާ ޖަރީމާތަކަށް އަމާޒުކުރައްވާ ފާޑުކިޔުންތައް އިތުރަށް ވަރުގަދަކުރައްވާފައެވެ. އޭނާ ވިދާޅުވީ މި މައްސަލައަކީ ހަމައެކަނި ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ މައްސަލައެއް ނޫން ކަމަށާއި، ޔަހޫދީ ދައުލަތުގެ އަނިޔާވެރި ސިޔާސަތުތަކަކީ މުޅި ދުނިޔެއަށް އޮތް ކަންބޮޑުވުމެއް ކަމަށެވެ.
ނަތަންޔާހޫގެ ވެރިކަމުގައި ޔަހޫދީ ދައުލަތަކީ ލޭއޮހޮރުުވުމަށް ހިތްވަރުދޭ، ޤަތުލުޢާންމު ހިންގާ އަދި ނަޞްލީ ތަފާތުކުރުންތައް ގެންގުޅޭ ދައުލަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ހުރަސްއަޅާ ދައުލަތަކަށް، އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާއިން އެއްވެސް ޝަރުޠަކާ ނުލައި އަސްކަރީ އެހީ ފޯރުކޮށްދިނުމާ ދެކޮޅަށް އޭނާ ވަނީ ވަރަށް ވަރުގަދައަށް އަޑުއުފުއްލަވާފައެވެ.