ޚަބަރު

ރިޔާސީ ބަޔާނުގައި ތަރައްޤީއަށް ގެންގުޅުއްވާ ތަސައްވުރު ރައީސް ހާމަކުރައްވާނެ


ރައީސުލްޖުމްހޫރިއްޔާ މިއަހަރު ދެއްވާ ރިޔާސީ ބަޔާނުން ކުރިއަށްއޮތް އަހަރަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަރައްޤީގެ ތަސައްވުރު ވަރަށް ބޮޑަށް ހާމަވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މާދަމާ ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.

ރައީސްގެ ރިޔާސީ ބަޔާނާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ރާއްޖޭގެ ހާލަތަށް ތަފްސީލްކޮށް އަލިއަޅުއްވާލައްވާނެކަމަށެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ ތަރައްޤީއަށް ކުރައްވާފައިވާ މަސައްކަތްޕުޅާއި، ކުރިއަށް އޮތް އަހަރަށް އެމަނިކުފާނު ގެންގުޅުއްވާ ތަރައްޤީގެ ތަސައްވުރު ވަރަށް ބޮޑަށް ސާފުވެގެންދާނެކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ކޯވިޑުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކަށްވެސް ރައީސްގެ ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލައްވާނެކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ މާދަމާ ހެނދުނު 9:00 އަށް ވަނީ އެޖެންޑާކޮށްފައެވެ. އެޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން ނޫން އިތުރު މަސައްކަތެއް ނޯންނާނެއެވެ. މަޖިލީހުގެ ރަސްމީ މަސައްކަތްތައް ފަށަނީ އޭގެފަހުން ބާއްވާ ޖަލްސާތަކުގައެވެ.