ވިޔަފާރި

އުރީދޫ މޯލްޑިވްސްގެ ސީއީއޯއަކަށް ޚާލިދު


އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯއަކަށް އައު ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

މި މަގާމަށް އައްޔަންކުރައްވާފައިވަނީ ޚާލިދް ޙަސަން އެމް.އޭ އަލް-ހަމާދީއެވެ.

ޚާލިދް އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ޚާލިދްއަކީ ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ގަތަރުގެ ރައްޔިތެކެވެ. ޚާލިދު ވަނީ އުރީދޫ މޯލްޑިވްސް ބޯޑު މެންބަރެއްގެ މަގާމާއި، އުރީދޫ ގަތަރުގެ ކޮންސިއުމަރ ސޭލްސްގެ ސީނިއަރ ޑައިރެކްޓަރ އަދި ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރ ފަދަ އިސް މަގާމުތަކުގައި މަސައްކަތް ކޮށްފައެވެ. މީގެއިތުރުން، ތެލާއި ގޭހުގެ ސިނާޢަތުގައި 15 އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ވަނީ ތަޖުރިބާ ހޯދާފައެވެ. ޚާލިދު ވަނީ ޔުނިވަރސިޓީ އޮފް އެރިޒޯނާ އިން ބެޗެލަރ އޮފް ސައިންސް އިން ސިސްޓަމް އިންޖިނިއަރިންގ ހާސިލުކޮށްފައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯގެ މަގާމުގައި ކުރިން ހުރީ ނަޖީބް ޚާންއެވެ. އުރީދޫއިން ބުނީ ނަޖީބް ވަނީ ޑިޖިޓަލައިޒޭޝަން ގެ ދާއިރާގައި ދިވެހިރާއްޖެއާއި އުރީދޫ މޯލްޑިވްސް އަށް ގިނަ ގުނަ ކުރިއެރުންތަކެއް ހޯދާދީފައިކަމަށެވެ. މީގެ އިތުރުން ނަޖީބްގެ ހިންގުމުގެ ދަށުން ކުންފުނިން ވަނީ ތަފާތު ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ޑިޖިޓަލް ލައިފް ސްޓައިލް ކުރިއެރުވުމުގެ މަސައްކަތްތައް ކޮށްފައެވެ.